ބޭންކް އޮފް މޯލްޑިވްސް އިން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ތ. ބުރުނީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި އެވެ.
ބީއެމްއެލް އިން ބުނީ މި ހަފްތާތެރޭގައި ތ. އަތޮޅުގެ އިތުރު 8 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބުރުނީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބުރުނީގައި ބީއެމްއެލުން ކޮށްފައިވާ މި އިންވެސްޓްމެންޓުން ހާމަވެގެންދަނީ ރާއްޖޭގެ މުޖުތަމައުތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ޚިދުމަތެއް ގާއިމުކުރުމަށް ދޭ އަހުމިއްޔަތުކަން ކަމަށެވެ. އަދި ޒަމާނީ އޭޓީއެމްތައް ތައާރަފްކުރެވުމާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށްވެސް ފަސޭހަކަމާއެކު ކޮންމެ ވަގުތަކުވެސް، ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 171 ސެލްފްސާވިސް ބޭންކިން ސެންޓަރު، 229 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.