މ. ކޮޅުފުށީގެ ތަރައްޤީއަށްޓަކައި މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށާ، ކުރިއަށް އޮތީ ތަރައްޤީގެ އިތުރު ފުރުޞަތުތައް ލިބޭނެ ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮޅުފުށީގެ ރައްޔިތުންނަށް ދެއްވައިފި އެވެ.
ކޮޅުފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރަށުގައި ތަރައްޤީކޮށް ނިމިފައިވާ ހައުސިންގް ޔުނިޓްތައް ބޭނުންކުރަން ފެށުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިތުރު ޚިދުމަތްތައް ފުރިހަމަކޮށް، އެޚިދުމަތްތައް ފޯރުކޮށްދީ ނިންމުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
މީގެއިތުރު 100 ހައުސިންގް ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢެއް، 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމަށާ، އަމިއްލަ ގޯތީގައި ހައުސިންގް ޔުނިޓް އަޅަން ބޭނުންވާ ފަރާތްތަކަށް މި މަޝްރޫޢުގެ ތެރެއިން ފުރުޞަތު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަދުގެ ސަރުކާރުން ތަރައްޤީކުރައްވާ ހައުސިންގް ޔުނިޓްތަކުގެ ކުލިވެސް ކުޑަކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށްވެސް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޅުފުށީގެ ރައްޔިތުންނަށް ދެއްވާފަ އެވެ. ހަމަ މިއާއެކު ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން، ހެލްތު ރޫމާއި، ލައިބްރަރީ އަދި އިތުރު އެހެން ވަސީލަތްތައް ފުރިހަމަކުރެވިފައިވާ އިމާރާތެއްގެ މަސައްކަތް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންގޮސްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރަށުގެ ރައްޔިތުން ހިއްސާކުރެއްވި ކަންތައްތަކުގެ ތެރޭގައި، ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްރަށުގައި އެމަސައްކަތްތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ ސަބަބުން އެކަށީގެންވާ ފައިދާއެއް ނުލިބުމާއި، ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ވަކިވަކި ދަނޑުތައް ރަށުގައި ތަރައްޤީ ކުރެވިފައި ނެތުމުގެ ކަންބޮޑުވުން ހިމެނެ އެވެ. މީގެ އިތުރުން، ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަމާއި، ރަށުގައި ތިބެގެން ނުވަތަ ރަށާ ކައިރި ހިސާބުތަކުން އެކަށީގެންވާ ގޮތުގައި ޞިއްޙީ ޚިދުމަތް ހޯދުމުގައި ހުރި ދަތިކަމުގެ ވާހަކަވެސް ރައްޔިތުން ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
ރައްޔިތުންގެ ޝުޢޫރާއި ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަމުގައި ސަރުކާރުން ގެންގުޅުއްވާ އުސޫލުތަކާއި، މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ރަށުގެ ފުޓުބޯޅަދަނޑުގެ އަމަލީ މަސައްކަތާއި ހޭންޑްބޯލް ކޯޓެއްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށާ، އެކަމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅޫވި އެވެ.
މީގެ އިތުރުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ޚިދުމަތްވެސް، އަންނަ އަހަރުގެ ކުރީކޮޅުގައި މުލަކަތޮޅުގައި ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ. ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެތެރެއިން، މަސައްކަތް ނުފެށި ހުރި ރަށްތަކުގެ މައްސަލާގައި ކުރިއަށް ދެވެން އޮތް ގޮތެއް ބައްލަވައި، އެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.