މިއީ ހުރިހާ ސިޔާސީ ޕާޓީތަކުން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއްތޯ ބަލަން ނުތިބެ ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު މިހާރު ޖެހިފައިވާ ކަމަށެވެ.
ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުގައި މަސައްކަތް ކުރަންޖެހޭ ސަބަބުތަކުގެ ގޮތުގައި އިމްރާން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވިޔަފާރިތައް ފުނޑުމާއި ރައްޔިތުން ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓުމާއި ދިވެހި ދައުލަތް ހިންގުމަށް ގިނަ ރައްޔިތުންތަކެއް ގުރުބާން ވެގެން އެކަށައަޅާފައިވާ ހަރުދަނާ ނިޒާމު ހަރާބުކޮށް ސުންނާފަތިވަމުން ދިޔުން ހިމެނެ އެވެ.
"އަދި ދިވެހި ރައްޔިތުންނަށް އާސަންދައިން ބޭސްފަރުވާ ކުރެވެން އެދޭނަމަ، މެދު ނުކެނޑި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ލިބުމަށް އެދޭނަމަ، ފަސޭހަކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން އެދޭ ނަމަ. 2028 ގައި ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑީ ކޮން ޕާޓީއަކަށްތޯ ކޮން ބޭފުޅަކަށްތޯ ބަލަން ނުތިބެ ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު މިއޮތީ ޖެހިފަ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވަނީ މި ވަގުތު މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިނަމަ 2028 ގައި އިންތިޚާބެއް ނޯންނާނެކަން ގިނަބަޔަކު ގަބޫލުކުރާ ކަމަށްވެސް ވިދާޅުވެފަ އެވެ.