ތ. މަޑިފުށީގައި 50 ހައުސިން ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢެއް އަންނަ އަހަރު ކުރިއަށްގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޑިފުށީ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގެދޮރުވެރިކަމަކީ، ދިވެހި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ކަމަށާއި ކައުންސިލް މެދުވެރިކޮށް ރައްޔިތުން އެދޭ ގޮތް ހިއްސާކުރުމުން، ވަކި ސަރަޙައްދެއްގައި ހިންގާ މަޝްރޫޢެއްގެ ގޮތުގައި، ނުވަތަ އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓުތައް އިމާރާތްކުރާ ގޮތަށް، އެ މަޝްރޫޢު ހިންގައިދެއްވާނެ ކަމަށެވެ.
މިދަތުރުފުޅުގައި ހިމެނިގެން މިއަދު އެ ރަށުގައި ވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވާފަ އެވެ. އެގޮތުން، ސްކޫލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވާފަ އެވެ.
މި މަސައްކަތްތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ، މިއިން ކޮންމެ މަސައްކަތެއްވެސް ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. އަދި ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނޭ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން، ފުލުހުންގެ ވެހިކަލެއްވެސް ރަށަށް ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވަނީ، ކޮޅުމަޑުލު މަޑިފުށީގެ އިޚްތިޞާޞްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވިކަމުގެ ލިޔުން، މަޑިފުށީ ކައުންސިލާ ހަވާލުކުރައްވާފަ އެވެ.
ރައީސް ވަނީ، ރައްޔިތުންގެ އުފާފާގަތިކަމާއި، ހެވާއި ލާބައާއި، މުސްތަޤުބަލަށްޓަކައި މި ދެ ރަށުގެ ބޭނުން ހިފުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުންދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.