Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ޝިލްޕާގެ ފިރިމީހާގެ 2 ވަނަ ފިލްމެއް

އިންޑިއާގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ ދެވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމައި އޭގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ އަހަރުގެ އެޕްރީލް 17 އަށް ތާވަލުކޮށްފައިވާ މި ފިލްމުގެ ނަމަކީ "ދަ ގްރޭޓް ޕަންޖާބީ ރޮބެރީ" އެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ލޯރެންސް ޖޯން ލިޔެފައިވާ ސްކްރީންޕްލޭއަކަށް ސޯރަބް ވަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޕާޔަލް ރާޖްޕޫތާއި ގްރަވީތާ ވެސް ހިމެނެ އެވެ.

ރާޖްގެ ފުރަތަމަ ފިލްމަކީ އޭނަ ބޮޑު ނެޓްވޯކެއް މެދުވެރިކޮށް، ބަރަހަނާ ފިލްމުތައް ހަދައި އެތަކެތި ދައުރުކޮށް އާމްދަނީ ހޯދާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން 2021 ގައި ހައްޔަރުކޮށް، ޖަލުގައި ބަންދުކުރި ދުވަސްތަކުގެ ތަޖުރިބާ އަށް ބިނާކޮށް 2023 ގައި ގެނެސްދިން ބައޮގްރަފިކަލް ފިލްމު "ޔޫޓީ 69" އެވެ.

އެ ފިލްމަށް ފަހު ރާޖް ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އޭނަ ފިލްމުތަކުން ފެނިދާނެ ކަމަށް ބުނެ އެވެ. އެގޮތުން "ދަ ގްރޭޓް ޕަންޖާބީ ރޮބެރީ" އަކީ ރާޖްގެ އެކްޓިން އަލުން ދައްކައިލާ ފިލްމެވެ.