މޯލްޑިވްސް އިމިގްރޭޝަނުން މިއަދު މާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު 81 ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މިއަދު ހަވީރު 4:00 އިން 6:00 އަށް ބޮޑު ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކްކުރެވިފައިވާ ކަމަށާއި މީގެތެރެއިން، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 81 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެއިތުރުން ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާއި ހިއްސާކުރެވިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.
ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 8،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފަ އެވެ.