Last Updated: July 6, 20:14
Monday, July 6, 2026
ޚަބަރު

ވިލުފުށި އެއާޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް މާދަމާ ފަށަނީ

ތ. ވިލުފުށީ އެއާޕޯޓާއި ހޮސްޕިޓަލުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވިލުފުށީ ރައްޔިތުންނާއި މިރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަނުގައި އެއާޕޯޓް އެޅުމަށްޓަަކައި ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން މިހާރު ފަށާފައިވާ ކަމަށާއި އަދި އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް މާދަމާ ފަށާނެ ކަމަށެވެ.

އެ އެއާޕޯޓުގައި 1800 މީޓަރު ދިގު ރަންވޭއެއް އޮންނާނެ ކަމަށާއި އެއާޕޯޓްގެ ހުރިހާ މަސައްކަތެއް މާދަމާއިން ފެށިގެން އެއްކޮށް ނިންމާ ދެ އަހަރާއި ބައިގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން ވަރަށް އިސްކަމެއްދޭ މަޝްރޫއުއެއް މިއީ. މަސައްކަތް ކުރިއަށް ގެންގޮސް އޮޕަރޭޓް ވެސް ކުރާނީ އެމްއޭސީއެލުން،" ރައީސް ވިދާޅުވި އެވެ.

އެއާޕޯޓަށް ފަހު ވިލުފުށީ ރައްޔިތުން ބޭނުންވާ އެންމެ ބޮޑު ކަމަކީ ރަނގަޅު ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ކަމަށާއި ހޮސްޕިޓަލްގެ ބިންގާ ވެސް މާދަމާ އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.