Last Updated: July 6, 20:14
Monday, July 6, 2026
ޚަބަރު

ވައުދު ފުއްދުން ކުރިއަށް ދަނީ ތާވަލާ އެއްގޮތަށް

ވައުދު ފުއްދުމުގެ ކަންކަން ކުރިއަށްދަނީ ތާވަލާ އެއްގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ. ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރަށް ވާރުތަވީ ނުރައްކާތެރި ހާލަތެއްގައި އޮތް އިގްތިސާދެއް ކަމަށާއި ރައްޔިތުންނަށް ވެފައި ހުރި ވައުދުތަކުގެ މަސައްކަތް ކުރިއަށްގެންދަނީ ފައިސާ ޗާޕުނުކޮށް އެތެރެ އާއި ބޭރުގެ ދަރަނިތައް ވެސް ދައްކައި، އިގްތިސާދު މެނޭޖު ކުރަމުން ކަމަށެވެ.

އަދި މިއަހަރަށް ތާވަލުކުރި ގޮތަށް ކަންކަން ބަރާބަރަށް ކުރިއަށްދާ ކަމަށާއި ބާކީ ހުރި ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރު ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ކަނޑައަޅާފައި އޮތް ޕްލޭނާއި އެއްގޮތަށް އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް ކަންކަން ކުރިއަށް އެބަ ގެންދެވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހުރިހާ ކަމެއްވެސް ކުރެވެނީ ރައްޔިތުންގެ އެއްބާރުލުމާއި އެކު ކަމަށާއި އެގޮތުން އެންމެ ބޮޑު އެހީތެރިކަމަކީ ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ރައްޔިތުން ދެއްވާ ތާއީދު ކަމަށެވެ.

"އެއީ ފެންނަން ނެތް އެއްޗެއް، އެހެންނަމަވެސް އިހުސާސް ވާ އެއްޗެއް. މި ދެންނެވި ލިސްޓުގައި ހުރި ހުރިހާ ކަމެއް މި ރަށުގައި ވާނެ. އެކަންކަމުގެ ފޮނިމީރުކަން ލިބެނީ ރައްޔިތުން ތިދެއްވާ ތާޢީދު މި ޤާއުމުގައި ހަމަޖެހުން ޤާއިމްކޮށް ތަހުޒީބު ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ބޭނުން ވަނީ ދަރިންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށް ކަމަށާއި ކުރީގައި ރާއްޖޭގެ މާޒީއިން ފެނުނު ދުވަސްތައް އަނބުރާ އިޔާދަވާން ބޭނުންފުޅު ނުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.