Last Updated: July 6, 20:14
Monday, July 6, 2026
ދުނިޔެ

އިސްލާމީ ލީޑަރުންނާ ޓްރަމްޕް ބައްދަލުކޮށްފި

ނުފޫޒު ގަދަ އިސްލާމީ ގައުމުތަކުގެ ލީޑަރުންނާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވައިފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި ތުރުކީ، ގަތަރު، ސައުދީ އަރަބިއްޔާ، އިންޑޮނީޝިއާ، ޕާކިސްތާނު، މިސްރު އަދި ޔޫއޭއީ އާއި ޖޯޑަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުމަކަށް ގެނައުމާއި އަދި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު ރައްޔިތުން މިނިވަންކުރުމާ ގުޅޭގޮތުންނެވެ.

ޓްރަމްޕް ވިދާޅުވީ މިއީ ވަރަށް މުހިއްމު ބައްދަލުވުމެއް ކަމަށާއި ގާޒާގެ ހަނގުރާމަ ނިމުމަކަށް ގެނެސް، ރަހީނުކޮށްފައިވާ އިޒްރޭލު ރައްޔިތުން އަނބުރާ އެމީހުންގެ ގައުމަށް ގެންނަން ބޭނުންވާ ކަމަށެވެ. އެކަން ކުރަން ވާހަކަދައްކަން ޖެހުނު ކޮންމެ ބަޔަކާއި ވެސް ވާހަކަދައްކާނެ ކަމަށާއި މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ ލީޑަރުންނަކީ އެކަން ކުރެވޭނެ ވަރުގެ ގާބިލުކަން ހުރި ލީޑަރުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވީ މިއީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި ބައްދަލުވުމުގެ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އުރުދުގާން ނުދެއްވަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.