Last Updated: July 6, 20:14
Monday, July 6, 2026
ކުޅިވަރު

އެމްބާޕޭ ހުއްޓުމެއް ނެތް، ރެއާލަށް 5 ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކިލިއަން އެމްބާޕޭގެ ދެ ގޯލާ އެކު 4-1 އިން ލެވާންޓޭ ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއްވަނަ މަގާމު ދަމަހައްޓައިފި އެވެ.

ލީގުގެ އެއްވަނައިގައި ރެއާލް އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ ލިބުނު 18 ޕޮއިންޓާއެކު އެވެ. ލީގުގެ ދެވަނައިގައި ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެ 13 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ.

ލެވާންޓޭގެ ދަނޑުގައި ކުޅުނު މި މެޗުގެ 28 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އުމުރުން 18 އަހަރުގެ ފްރެންކޯ މަސްޓަންޓުއޯނާ ވަނީ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިއީ މި ސީޒަނުގައި ރެއާލްއާ ގުޅުނު މަސްޓަންޓުއޯނޯ ރެއާލަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލެވާންޓޭގެ އެޓާ އެޔޮންގް ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރިއިރު، މެޗުގެ 64 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ ދެ މިނެޓް ފަހުން ރެއާލަށް ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ރެއާލްގެ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ.

މި މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު މި ސީޒަނުގައި އެމްބާޕޭ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 7 އަށް އަރައިފަ އެވެ.