ތ. ވިލުފުށީގެ މިސްކިތެއް އިސްލާމީ މަރުކަޒެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
އެ މިސްކިތަކީ އެ ރަށު "މަސްޖިދު ޢުމަރު ފާރޫޤް" އެވެ.
އެގޮތަށް ނިންމެވިކަން ރައީސް އިއުލާން ކުރެއްވީ މިހާރު އަތޮޅު ތެރެއަށް ކުރައްވާ ގެންދަވާ ދަތުރުގެ ތެރެއިން ރޭ ވިލުފުށީގެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުގަ އެވެ. އެގޮތަށް ނިންމެވީ ރައްޔިތުންގެ އެދުމުގެ މަތިންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ "މަސްޖިދު ޢުމަރު ފާރޫޤް" އަށް ބޭނުންވާ ލައިބްރަރީ އާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރައްވާނެ ކަމަށެވެ.
ޝަހީމު ވިދާޅުވީ އެ މިސްކިތުގައި މިހާރު ވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހިންގަމުން އަންނަ ކަމަށާއި ޤްރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ވެސް ކުރިއަށްދާ އިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުން އަންނަ ކަމަށެވެ.

ވިލުފުށީ "މަސްޖިދު ޢުމަރު ފާރޫޤް" އަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ބޮޑު މިސްކިތެވެ. މިއީ ނަލަހިޔާ ގްރޫޕްގެ ފަރާތުން މިސްކިތެކެވެ.
ރާއްޖޭގެ ފުރަތަމަ އިސްލާމީ މަރުކަޒަކީ މާލޭގެ އެންމެ ބޮޑު މިސްކިތް ކަމަށްވާ މަސްޖިދު ތަކުރުފާނުލް އައުޒަމެވެ. ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމީ މަރުކަޒުތަކެއް ގާއިމުކޮށްފައިވާ އިރު، ބައެއް ރަށްރަށުގައި އެފަދަ މަޝްރޫއުތަކެއް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.