Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވިލުފުށީ އެއާޕޯޓް މަޝްރޫއު ފަށައިފި

ތ. ވިލުފުށީގައި ތަރައްގީކުރާ އެއާޕޯޓްގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވަނީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާޙީމް ޝަރީފް މުހައްމަދެވެ.

ވިލުފުށީ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަށް ފަހު، އެމަޝްރޫޢުއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

ރައީސް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ރިޔާސީ މި ދައުރުގެ ތެރޭގައި ނިންމައި ދެއްވާނެ ކަމަށެވެ.

ވިލުފުށީގައި ތަރައްގީކުރާ އެއާޕޯޓު ހިންގާނީ ވެސް އެމްއޭސީއެލުންނެވެ. މި އެއާޕޯޓަކީ 1،800 މީޓަރުގެ ރަންވޭގެ އެއާޕޯޓެކެވެ. މަޝްރޫޢުގެ މަސައްކަތް ދެ އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ އިރު މަޝްރޫޢުގެ ދަށުން ރަންވޭ އާއި ޓާމިނަލް ބިލްޑިން ފަޔަރ ބިލްޑިން އަދި އެނޫންވެސް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަ ކުރާނެ އެވެ.