Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

ސިޔާސީ މަގާމުތައް އިތުރު ކުރުމަކީ ލޫޓްވުން: އައްބާސް

މިނިސްޓްރީތަކާއި އެކިއެކި ކުންފުނިތަކުގެ ސިޔާސީ މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެތައް ބަޔަކު އައްޔަންކޮށް، ސިޔާސީ އަންބޮޑި ބަނުމަކީ ރައްޔިތުންގެ ފައިސާ ލޫޓުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވުވީ ކޮންމެ މިނިސްޓްރީއަކަށް މިނިސްޓަރުގެ އިތުރުން މިނިސްޓަރު ފެންވަރުގެ އެޑްވައިޒަރެއް ލާފައި ކޮންމެ މިނިސްޓްރީއަކަށް 10 ސްޓޭޓް މިނިސްޓަރުންނާއި 15 ޑެޕިއުޓީ މިނިސްޓަރުންނާއި 10 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުޖންނާއި 15 ޕޮލިޓިކަލް ޑިރެކްޓަރުން ލައިގެން ސަރުކާރު ހިންގުމަކީ ރައީސް މުއިއްޒު ޤައުމަށް ޤައްދާރުވުން ނޫނީ ނުވާނެ ކަމަވެެ.

"އަދި !ކޮންމެ ކަމަކަށް ކުންފުންޏެއް އުފައްދަވާފައި ކުންފުނި އެމްޑީގެ އިތުރުން ކޮންމެ ކުންފުންޏަކަށް ފަސް ޑީއެމްޑީންނާއި ފަނަރަ މެނޭޖަރުންނާއ ފަނަތަ އެސިސްޓެންޓު މެނޭޖަރުން ލުމަކީ ރައީސް ސިޔާސީ އަންބޮޑި ބަނުމަށް ރައްޔިތުންގެ ފައިސާ ލޫޓުވުން ނޫނީ ނުވާނެ." އައްބާސް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައި އިރު ވެފައި އޮތް އެއް ވައުދަކީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރުމެވެ. ނަމަވެސް ސިޔާސީ މަގާމުތަކުގައި މިހާރު ތިބި މީހުންގެ އަދަދު ހާމަކުރަން ދެކޮޅު ހަދައި، ސަރުކާރުން ދަނީ ސިޔާސީ މަގާމުތަކަށް ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އައްޔަން ކުރަމުންނެވެ.

މިކަމާ ގުޅިގެން އާންމުންގެ ތެރޭގައި ވެސް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިރު، އިދިކޮޅު އެމްޑީޕީން ބުނާ ގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު އުޅެނީ 2،000-3،000 އާ ދެމެދު އެވެ.