ރަންވީރު ސިންގް ޓައިޓްލް ރޯލު ކުޅެން ހަމަޖެހިފައިވާ "ޑޮން 3" އަށް ވިލަންއަކަށް ގެންނަން މިހާރު ނިންމާފައި ވަނީ ބޮލީވުޑަށް އާ އެކްޓަރަކު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އަންނަ އަހަރުގެ ޖެނުއަރީގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ މި ފިލްމުގެ ވިލަންއަކަށް ގެންނަން މިހާރު މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ދެކުނު މަޝްހޫރު ތަރިއެއް ކަމަށްވާ އަރުޖުން ދާސް އެވެ.
އުމުރުން މިހާރު 34 އަހަރުގެ އަރުޖުން މިހާތަނަށް ކުޅެފައި ވަނީ ތެލެގޫ އާއި ތަމަލަ ފިލްމުތަކެވެ.
އޭނަ ސަޕޯޓިން ރޯލުތަކެއް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކައިތީ"، "މާސްޓާ"، "ވިކްރަމް" އަދި "ގުޑް، ބޭޑް، އަގްލީ" ހިމެނެ އެވެ. އަރުޖުން އެންމެ ފަހުން ފެނިފައި ވަނީ އޭނަ ލީޑް ރޯލު ކުޅެ، މި މަހުގެ 12 ގައި ރިލީޒްކުރި "ބޮމް" އިންނެވެ.
އަރުޖުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދޭ ކޯލް ހިމް އޯޖީ" އާއި "ވަންސް މޯ" ހިމެނެ އެވެ.
ޕިންކްވިލާ އިން ބުނީ "ޑޮން 3" އަރުޖުން އަށް ހުށަހަޅައި، މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އޭނަ ފިލްމަށް އެއްބަސްވާނެކަމުގެ ފެހި ސިގްނަލް ވެސް ދީފައިވާ ކަމަށް އެ ނޫހުން ބުންޏެވެ. އެހެންވެ "ޑޮން 3" ވާނީ އަރުޖުންގެ ފުރަތަމަ ހިންދީ ފިލްމަށެވެ.
މީގެ ވިލަންގެ ރޯލު ކުޅޭނެ ކަމަށް އެންމެ ފުރަތަމަ އަޑުއެރި އެކްޓަރަކީ އިމްރާން ހާޝިމީ އެވެ. އޭގެ ފަހުން، އިއްޔެ އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު އެކްޓަރު ވިކްރާންތު މަސީ "ޑޮން 3" އަށް އެއްބަސްވުމަށް ފަހު، ފިލްމު ދޫކޮށްލިކަމުގެ ވާހަކަތަކެއް ދެކެވިފައިވެ އެވެ.
ނަމަވެސް ފަރުހާން މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނަގެ އެކްސަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމުގެ ލީޑް ކާސްޓުންނަކީ ރަންވީރާއި ކިއާރާ އަދުވާނީކަން ކަށަވަރުކޮށް ދިނުން ފޔަވައި، ކާސްޓާ ބެހޭ އިތުރު އެއްވެސް ވާހަކައެއް މިހާތަނަށް ފަރުހާން ހިއްސާކޮށްފައެއް ނުވެ އެވެ.
ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ކިއާރާ ވެސް "ޑޮން 3" އަށް ދޫކޮށްލާފައިވާތީ، ފިލްމުގެ ބަތަލާއަކަށް މިހާރު ނަގާފައި ވަނީ ކްރިތީ ސެނަން އެވެ.