އަންނަ މަހު އޮލިމްޕަހަށް ގެންނަން ތައްޔާރުވަމުން އަންނަ ޑާކް ރެއިން އެންޓަޓައިންމަންޓް "އަލިފާން" ގައި ކުޅުނު ފަރީދާގެ ކެރެކްޓާ އަކީ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު އަދި ކުޅެން އެންމެ ޖެހިލުން ވެސް ރޯލު ކަމަށް މަޝްހޫރު ބަތަލާ ޝީލާ ނަޖީބު ބުނެފި އެވެ.
ފިލްމުގެ ޕްރޮމޯޝަަންގެ ތެރެއިން ގެނެސްދެމުން އަންނަ ޓީމުގެ އިންޓަވިއުތަކުގެ ތެރެއިން ޝީލާގެ ސެގްމަންޓްގައި އޭނަ ބުނީ ހަމަ ޔަގީނުން ވެސް "އަލިފާން" އަކީ ވަރަށް ތަފާތު ޝީލާއެއް ފެންނާނެ ފިލްމެއް ކަމަށެވެ. އެގޮތުން އޭނަގެ ލުކާއި ފިލްމުގައި ބޭނުން ކުރާ ބަހުރުވަ އަކީ ވެސް މުޅިން ތަފާތު ތަޖުރިބާއެއް ކަމަށް އެތައް ފިލްމެއް ކުލެފައިވާ ބަތަލާ ބުންޏެވެ.
ޝީލާ ބުނި ގޮތުގައި ފަރީދާ އަށް އޭނަ ފަރިކޮށް ދީފައި ވަނީ މޭކަޕް ހަސަންގެ މޮޅު މޭކަޕުންނެވެ. އެހެންވެ އޭނަ އަށް ވެސް އެ ކެރެކްޓާގެ ކްރެޑިޓް ހައްގުވާ ކަމަށް ބުންޏެވެ.
ފިލްމުގެ ރޯލެއް ވެސް ކުޅެފައިވާ ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ގުޅިގެން ޑައިރެކްޓްކޮށްފައިވާ "އަލިފާން" އަކީ ރާއްޖޭގެ މިހާރުގެ ކުށުގެ ވެށީގެ ހާލަތު ވަރަށް ބޮޑަށް ދައްކުވައި ދޭނެ، އަދި ކުށުގެ ވެށީގައި އުޅޭ މީސްމީހުންގެ ބަސްމަގާއި އެ މީހުންގެ އުޅުން ވެސް ދައްކުވައި ދޭނެ ފިލްމެކެވެ.
އެހެންވެ މީގައި ޝީލާ ކުޅެފައިވާ ފަރީދާގެ ރޯލަކީ ފިލްމުގެ ޓްރެއިލާ އިން ވަޒަންކޮށްލެވޭ ގޮތުގައި "އަންހެން ގޭންގްސްޓާރެއް" ގެ ރޯލެވެ. އެހެން ގޮތަކަށް ބުނާ ނަމަ މިއީ ބޮޑު ސްކްރީނުން މި ފަހަރު "ހަޔާތް ކުޑަ" ޝީލާއެއް ފެންނާނެ ފިލްމެކެވެ. އެހެންވެ މި ފިލްމު ބަލާފައި "ޝީލާ އައްޗީޑިއޭ" ބެލުންތެރިން ބުނާ ކަހަލަ ރޯލަކަށް ފަރީދާގެ ކެރެކްޓާ ވާނެ ކަމަށް ތަޖުރިބާކާރު ބަތަލާ ބުންޏެވެ.
އަންނަ މަހުގެ 6 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ "އަލިފާން" ގެ ކާސްޓްގައި މައިޝާ އާދަމް، އާދަމް ރިޒްވީ، މޫސާ އަލީފް، ޝަރަފު އަބްދުﷲ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މުހައްމަދު ހާޒިފް އަދި މުހައްމަދު ފައިސަލް ފަދަ ތަރިން ހިމެނެ އެވެ.