Last Updated: July 6, 18:59
Monday, July 6, 2026
ޚަބަރު

އާރްއެސްޑަބްލިއު ލޯނު އިތުރު 200 ފަރާތަކަށް ދޫކުރަނީ

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން، އާ ލޯނެއްގެ ދަށުން އައިސް އުފައްދާ (އާރްއެސްޑަބްލިއު ސިސްޓަމް) 200 އުޅަނދަށް ދޫކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅު ހިރިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އާރްއެސްޑަބްލިއު ލޯން ސްކީމުގެ ފުރަތަމަ ބުރުގައި ނިސްބަތުން އެންމެ ގިނަ ލޯނު ލިބިފައިވަނީ ހިރިލަންދޫ އޮޑިވެރިންނަށް ކަމަށާއި މުޅި ރާއްޖެއަށް ހުޅުވާލާ މި ލޯން ސްކީމްގެ ދެވަނަ ބުރުގައި އިތުރު 200 ފަރާތަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރެއްވުމުގެ މަސައްކަތް، ޖަނަވަރީމަހު ފަށާ ގޮތަށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަމަށްވެސް ވިދާޅުވި އެވެ.

ހިރިލަންދޫއަކީ މަސައްކަތްތެރި އާބާދީއެއް އޮންނަ ރަށެއްކަން ފާހަގަކުރައްވައި، ރަށުގައި ކުރާ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާނޭ އިތުރު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ރަށުގެ ތަރައްޤީގެ ޕްލޭންތައް ތައްޔާރުކުރެއްވުމުގައި އެ ބިމުން ކުރާނޭ ބޭނުންތައްވެސް ހިމެނުއްވުމަށް އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން ހިރިލަންދޫގައި ވަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، ހިރިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އެ ރަށުގައި މިސްކިތެއް ބިނާކުރުމާއި ކައުންސިލް އިދާރާ ބިނާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ހިރިލަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވާފައެވެ.