Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ވިޔަފާރީގެ ކާމިޔާބު ފޯމިއުލާއެއް؛ ޤުރުއާނުގެ އަލީގައި!

މި އާޓިކަލްގައި ބަލާލެވިފައި ވާނީ މުދާ އެއްކުރުމުގައި ގެންގުޅެންވީ އުސްލޫބުގެ މައްޗަށެވެ.

ވިޔަފާރީގައި ކާމިޔާބު ވުމަށްޓަކައި ބޭނުންވާ އަނެއް ކަމަކީ ޙިކުމަތްތެރިކަމާއެކު، ތިމާއަށް ލިބޭ އާމްދަނީން ހޭދަކުރުމެވެ.

(يؤتي الحكمت من يشاء ومن يؤت الحكمت فقد اوتي خيرا ومايذكر الا اولوا الالباب)

سورةالبقرة 269

”އެކަލާނގެ އިރާދަކުރައްވާ މީހަކަށް ޙިކުމަތް ދެއްވައެވެ. އަދި އެމީހަކަށް ޙިކުމަތް ދެއްވެވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ އަހުލުވެރީން މެނުވީ ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ.

ޙިކުމަތްތެރިކަމާއެކު އާމްދަނީއިން ހޭދަކުރުމާ ބެހޭ 5 ޤަވާޢިދެއް ވެއެވެ. ސޫރަތުލް ޤަޞަޞްގެ 76 ވަނަ އާޔަތާއި 77 ވަނަ އާޔަތުގައި މި ފަސް ޤަވާޢިދު ޖަމަޢަކުރެވިފައި ވެއެވެ.

1. القاعدة الأولى ފުރަތަމަ ޤާޢިދާ

(إذ قَالَ لَهُ قَوْمُهُ لَا تَفْرَحْ ۖ إِنَّ اللَّهَ لَا يُحِبُّ الْفَرِحِينَ)

”އޭނާގެ ޤައުމުގެ މީހުން އޭނާއަށް ބުނި ހިނދެވެ. (ކިބުރުވެރިވުމުގެ ގޮތުން) އުފާ ނުކުރާށެވެ. ހަމަކަށަވަރުން ބޮޑާވެގަތުމުގެ ގޮތުން އުފާކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.”

ތިބާއަށް ވިޔަފާރީގައި ބޮޑު ފައިދާއެއް ލިބުނުކަމުގައި ވިޔަސް، އެކަމާ މާބޮޑަށް ފަޚްރުވެރިނުވާށެވެ. ދުނިޔެ ހިނގާނީ ތޮށަލިދުޅައަށެވެ. އެއް އަހަރު ބޮޑު ފައިދާއެއް ލިބިފައި އަނެއް އަހަރު އެވިޔަފާރިން ބޮޑު ގެއްލުމެއް ވެސް ލިބިދާނެއެވެ.

2. القاعدة الثانية ދެވަނަ ޤާޢިދާ

(وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ )

”އަދި ތިބާއަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ.”

އުޚްރަވީ ޘަވާބު އެދިގެން މާތް ﷲ ގެ މަގުގައި ހޭދަކުރާނަމަ، ޤިޔާމަތް ދުވަހުން އޭނާއަށް ސަދަޤާތުގެ ދޮރުކޮޅުން ސުވަރުގެ ވަނުމަށް ގޮވާލެވޭނެއެވެ. އެހެން ނަބަވީ އިރުޝާދުތަކުން އެނގޭ ގޮތުގައި، ފެނުން އަލިފާން ނިވޭ ފަދައިން ސަދަޤާތުގެ ސަބަބުން ތިބާގެ ކުށްފާފަތައް ފުހެވިގެން ދެއެވެ. އެހެން ކަމުން ތިބާ އެންމެ އިސކަންދޭ އެއްކަމަކީ އުޚްރަވީ ޘަވާބު އެދިގެން ﷲ ގެ މަގުގައި ހޭދަކުރުން ކަމުގައި ހަދާށެވެ.

3. القاعدة الثالثة ތިންވަނަ ޤާޢިދާ

ولا تنس نصيبك من الدنيا

(އަދި ދުނިޔެއިން ތިބާޔަށް ލިބެންވީ ބައި ހަަނދާން ނައްތާނުލާށެވެ.)

ތިބާއަށް ދެއްވާފައިވާ ތަނަވަސްކަމުން، ޝަރީޢަތް ހުއްދަކުރާ ދުނިޔެވީ އުފާތައް ހޯދުމަކީ އިސްލާމްދީން ހިތްވަރުދޭ ކަމެކެވެ. އެކަމަކު، މިކަމުގައި ހައްދު ފަހަނައަޅައިދިޔުމަކީ ހުއްދަކަމެއްނޫނެވެ.

4. القاعدة الرابعة ހަތަރު ވަނަ ޤާޢިދާ

و أحسن كما أحسن الله إليك
”އަދި ﷲ ތިބާއަށް އިޙުސާންތެރިވެ ވޮޑިގެން ފަދައިން ތިބާ ވެސް ( ﷲ ގެ އަޅުތަކުންނަށް ) އިޙުސާންތެރިވާށެވެ. ”

ﷲ ތަޢާލާ ތިބާއަށް ތަނަވަސްކަން ދެއްވައި އޯގާތެރިވެވޮޑިގެން ފަދައިން، ވިޔަފާރިވެރިޔާ ވެސް އެއިލާހުގެ އަޅުތަކުންނަށް އޯގާތެރިވުންހުއްޓެވެ. އެއިލާހު ދެއްވި އަޅުތަކުންނަށް ހެޔޮ ފޯރުވުންވަނީ؛ އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ތެރެއިންނެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

(وَإِذْ تَأَذَّنَ رَبُّكُمْ لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِنْ كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ)
سورة إبراهيم 7

”އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެ ނަމަ (ދަންނާށެވެ.) ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެން ވާކަން ކަށަވަރެވެ. ”

ނިޢުމަތްތަކަށް ޝުކުރުކޮށް، ﷲ ގެ މަގުގައި ގިނަގިނައިން ހޭދަކުރާނަމަ، ތިބާގެ ވިޔަފާރިއާއި މުދަލުގައި ބަރަކާތްލެއްވި ، ތަނަވަސްކަން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. އިސްވެދިޔަ އާޔަތަކީ އިލާހީ ވަޢުދުފުޅެކެވެ. އަދި ޝުކުރުވެރިވާ އަޅުތަކުންނަށް އޮތް އުފާވެރި ޚަބަރެކެވެ.

ﷲ ގެ މަގުގައި ހޭދަކުރާ މީހާއަށް، އުޚްރަވީ ޘަވާބު ލިބުމުގެ ކުރިން، ދުނިޔެމަތީގައި ވެސް އެކަމުގެ ހެޔޮ ޖަޒާ ލިބިގެން ދެއެވެ.

5. القاعدة الخامسة ފަސްވަނަ ޤާޢިދާ

وَلَا تَبْغِ الْفَسَادَ فِي الْأَرْضِ ۖ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ
”އަދި ބިމުގައި ފަސާދަ އުފެއްދުމަށް ތިބާ އެދި ނޫޅޭށެވެ. ހަމަކަށަވަރުން ފަސާދަކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.”

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.

لَا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ أَرْبَعِ خِصَالٍ : عَنْ عُمُرِهِ ، فِيمَ أَفْنَاهُ ؟ وعَنْ شَبَابِهِ ، فِيمَ أَبْلَاهُ ؟ وَعَنْ مَالِهِ ، مِنْ أَيْنَ ؟ وَفِيمَ أَنْفَقَهُ ؟ وَعَنْ عِلْمِهِ ، مَاذَا عَمِلَ فِيهِ ؟

”ހަތަރު ކަމަކާ މެދު ސުވާލު ކުރެވުމަށް ފަހުގައި މެނުވީ އަޅާގެ ފައި ހުރިތަނުން ގުޑާވެސް ނުލާނެ އެވެ. (އެއީ) އޭނާގެ ޢުމުރު ފަނާކުރީ ކިހިނަކުންތޯ އާއި، އޭނާއަށް ދެއްވި ޢިލްމާއި މެދު ޢަމަލުކުރީ ކިހިނަކުން ތޯއާއި، އަދި މުދާ ހޯދީ ކިހިނަކުންތޯ އާއި، އެ މުދާ ހޭދަކުރީ ކިހިނަކުންތޯއާއި، އަދި ހަށިގަނޑު (ހުރިހާ ގުނަވަންތަކެއް) ބޭނުން ކުރީ ކިހިނަކުންކަމާ މެދުގަ އެވެ.”

ތެދުވެރިކަމަކީ ހުރިހާ ހާލަތެއްގައި ވެސް ހިފަހައްޓަން ޖެހޭ އިސްލާމީ ރިވެތި އަޚްލާޤެކެވެ. އަޅުކަމުގައި އަދި މުޢާމަލާތުގައި ވެސް ތެދުވެރިވާން ޖެހެ އެވެ. ތެދުވެރިކަން ޢިލްމުވެރިން 3 ބަޔަކަށް ބައްސަވަ އެވެ. އެއީ އަޅާ ﷲ އަށް ތެދުވެރިވުމާއި އަޅާ އޭނާގެ ނަފްސަށް ތެދުވެރިވުމާއި އަދި އަޅާ އެހެނިހެން މީސްތަކުންނާ މެދު ތެދުވެރިވުމެވެ.

عثمان بن عفان ގެ ދޫފުޅުން

އެއް ދުވަހަކު ޢުޘްމާނުގެފާނާ ސުވާލުކުރެވުނެވެ.

”އޭ ޢަމީރުލް މުއުމިނީން އެވެ. މަދީނާއަށް ހިޖުރަކުރެއްވި އިރު، އެހެން މުހާޖިރުންނެކޭ އެއްފަދައިން ކަލޭގެފާނު ވެސް ވީ ފަޤީރެއްކަމުގަ އެވެ. އެހެން ނަމަވެސް މިއަދު މުހާޖިރުންގެ ތެރެއިން އެންމެ ތަނަވަސް ބޭކަލަކީ ކަލޭގެފާނެވެ. ވިޔަފާރީގައި ތިޔަފަދަ ކާމިޔާބީއެއް ހޯއްދެވީ ކިހިނަކުންތޯ އެވެ؟”

އެހިނދު ޢުޘްމާނުގެފާނު ޖަވާބު ދެއްވި އެވެ.

“كنت أعالح”

ވިޔަފާރީގައި ބައެއް ފަހަރު ގެއްލުން ލިބުނަސް، ކެތްތެރިކަމާއި ހިތްމަތާއެކު ބުރަ މަސައްކަތް ކުރީމެވެ.

“وأنمي”

އަދި ލިބޭ ސާފު ފައިދާއިން ބޮޑު ބައެއް އިންވެސްކުރަމުން ގެންދިޔައީމެވެ.

“ولا أزدري”

އަދި ކިތަންމެ ކުޑަ ފައިދާއެއް ލިބުނަސް އެ މިންވަރާމެދު ނުރުހި ނުހަދަމެވެ.

“ولا أشتري شيخا”

އަދި އޭގެ މުސްތަޤްބަލެއް ނެއްކަން ޔަޤީންވާ މުދާ ނުގަނެ ދޫކޮށްލަމެވެ.

“ولا أجعل الرأس رأسين”

އަދި ހަމައެކަނި އެންމެ ދާއިރާއަކުން އިންވެސްޓް ކުރުމުގެ ބަދަލުގައި، ހެޔޮވަރު ގޮތެއްގައި ޑައިވާސިފައިކުރީމެވެ.

މަސްދަރު: އިލްމު.އެމްވީ