Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

'މޯހިތަށް ވައިއާރްއެފްގެ އިތުރު ފިލްމެއް

ޔާޝްރާކް ފިލްމްސް (ވައިއާރްއެފް) އަށް ޑައިރެކްޓަރު މޯހިތު ސޫރީ ހެދި ފުރަތަމަ ފިލްމު "ސައްޔާރާ" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން އެ ސްޓޫޑިއޯ އަށް އޭނަ އިތުރު ފިލްމެއް ހަދަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އަދިތިޔާ ޗޯޕްޅާގެ ސްޓޫޑިއޯ މިހާރު އޮތީ އެއް ފިލްމަށް ފަހު މޯހިތު ދޫކޮށްލާ ގޮތަށް ނޫން ކަމަށެވެ. އެހެންވެ މިހާރު ދެވަނަ ފިލްމަކަށް ތައްޔާރުވާން ފަށައި، މޯހިތާއި އޭނަގެ ރައިޓަރުންގެ ޓީމުން ސްކްރިޕްޓަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ނޫހުން ބުންޏެވެ.

އާ ފިލްމަކީ ވެސް "ސައްޔާރާ" ގޮތަށް ރިހުން އެކުލެވޭ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

ޕިންކްވިލާ އިން ބުނީ ވައިއާރްއެފަށް މޯހިތު ހަދާ ދެވަނަ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މެދު ތެރޭގައި ފަށާނެ ކަމަށާއި ފިލްމުގެ ކާސްޓުން އަންނަ އަހަރުގެ ކުރީކޮޅު ހަމަޖައްސާނެ ކަމަށެވެ.

މޯހިތު މިހާތަނަށް ޑައިރެކްޓްކުރި ގިނަ ފިލްމުތަކަކީ އޭނައާ އާއިލީ ގޮތުން ގުޅުން އޮންނަ މަހޭޝް ބަޓާއި މުކޭޝް ބަޓްގެ ވިޝޭޝް ފިލްމްސް އަށް ހެދި ފިލްމުތަކެވެ. ފިލްމު "ޒެހެރު" އިން ޑައިރެކްޝަނަށް ނުކުތް މޯހިތު ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "އާޝިގީ 2" އާއި "އޭކް ވިލަން" އަދި "އާވާރާޕަން" ފާހަގަކޮށްލެވެ އެވެ.

އޭނަގެ "ސައްޔާރާ" އަކީ އާ ދެ ފަންނާނަކާ އެކު ގެނެސްދީގެން ބޮކްސް އޮފީހުގައި ރެކޯޑްތަކެއް ހެދި ފިލްމެކެވެ. ޖުލައި މަހު ރިލީޒްކުރި އެ ފިލްމުގެ ލީޑް ކުޅުނީ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ އެވެ.

ވައިއާރްއެފްގެ އާ ފިލްމަކަށް މޯހިތު ތައްޔާވަމުން އަންނަކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރު، އޭނަގެ "އާޝިގީ 2" ގެ ތަރިން ކަމަށްވާ އަދިތިޔާ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރް ހިމަނައިގެން ފިލްމެއް ހަދަން ނިންމާފައިވާކަމުގެ އަޑުތަކެއް ވެސް މި ފަހުން އަރާފައިިވެ އެވެ.