ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން އައްޑޫގައި މިއަދު ބިޒްނެސް ފޯރަމެއް ފަށަން ތައްޔާރުވެއްޖެ އެވެ.
މި ފޯރަމް އޮންނާނީ މިއަދާއި މާދަމާ ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގަ އެވެ. ދެ ދުވަހު ވެސް ފޯރަމް ކުރިއަށް ގެންދާނީ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ.
ފޯރަމްގެ ތީމަކީ "ކަނެކްޓިން އެކަޑެމިއާ އިންޑަސްޓްރީ އެންޑް ކޮމިއުނިޓީ ފޯ ސަސްޓެއިނެބްލް ބިޒްނަސް ގްރުތް އެންޑް އިނޮވޭޝަން" އެވެ.
ބިޒްނެސް ފޯރަމްގެ ތެރެއިން މިއަދު ޕެނެލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ. ހަވީރު 5:00 ގައި ފަށާ އެ ޕެނެލްގައި އި ހަތަރު ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ އެމްއެންޔޫގެ ބިޒްނެސް ސްކޫލްގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. އައިމިނަތު ސުދާ އާއި އައްޑޫގެ ކައުންސިލަރެއް ކަމަށްވާ ހަސަން ޒަރީރާއި އައްޑޫގެ މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ މަރަދޫ "ޕާމް ޝޯ ކެފޭ" ގެ ވެރިޔާ މުހައްމަދު ރިޔާޒްގެ އިތުރުން ނަވަރައްނަ ހޮޓެލްސް އެންޑް ޓުއާސްގެ މެނޭޖިން ޑިރެކްޓަރު އަބްދުއްސަލާހެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރަން ބާއްވާ މި ބިޒްނެސް ފޯރަމް އިންތިޒާމުކޮށްފައި ވަނީ އެމްއެންޔޫ އާއި އައްޑޫ ކައުންސިލާއި ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.
މި ބިޒްނެސް ފޯރަމްގެ ތެރޭގައި ކުރިއަށް ގެންދަން ރާވާފައިވާ ކަންކަމުގެ ތެރޭގައި ޕެނެލް ޑިސްކަޝަންގެ އިތުރުން ބިޒްނެސް ފެއާ، ފައިނޭންޝަލް ލިޓްރަސީ، ސްޓޫޑެންޓްސް ޕިޗް ކޮންޓެސްޓް، ކެރިއާ ގައިޑެންސް، ސްޓާ ގޭޒިން، ގޭމް ބޫތުސް އަދި ހެލްތު ޗެކަޕް ހިމެނެ އެވެ.
ބިޒްނެސް ފޯރަމް ކުރިއަށް ގެންދަން ނިންމާފައި އޮތީ އާންމުކޮށް ހުޅުވާލައިގެންނެވެ.