Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

'ދޯސްތާނާ 2' އިން ވިކްރާންތު ފެންނާނެ

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ހުއްޓިފައި އޮތް ފިލްމު "ދޯސްތާނާ 2" އަށް ސޮއިކޮށްފައިވާކަން އެކްޓަރު ވިކްރާންތު މަސީ ކަށަވަރުކޮށް ދީފި އެވެ.

އޭނަ އެ ފިލްމަށް ނެގިކަމުގެ ވާހަކަތަކެއް މި އަހަރުގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައިވެ އެވެ.

ދެހާސް ތޭވީހުގައި ރިލީޒްކުރި "ޓުވެލްތު ފެއިލް" ގައި ދެއްކި މޮޅު އެކްޓިންއާ ގުޅިގެން މި އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ވިކްރާންތު ބުނީ "ދޯސްތާނާ 2" އަކީ ދަރުމާ އިން އޭނަ އަށް ލިބުނު ފުރަތަމަ ފުރުސަތު ކަމަށެވެ.

އެހެންވެ އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ޓައިމްސް ނައު އަށް ދިން އިންޓަވިއުއެއްގައި ހުނަރުވެރި އެކްޓަރު ބުންޏެވެ.

"މި ފިލްމަކީ އަހަރެން ވަރަށް ސްޓައިލިޝްކޮށް ފެންނާނެ ފިލްމެއް،" އޭނަ ބުންޏެވެ. "ފިލްމުގެ ގިނަ މަންޒަރުތަކެއް ޔޫރަޕްގައި ޝޫޓް ވެސް ކުރާނެ."

ނަމަވެސް "ދޯސްތާނާ 2" ގެ މަސައްކަތް ފަށާނެ އިރަކާ ބެހޭ އެއްވެސް ވާހަކައެއް ވިކްރާންތު ހިއްސާއެއް ނުކުރެ އެވެ.

މި ފިލްމަކީ އެންމެ ފުރަތަމަ ކާތިކް އާރިއަނާއި ޖާންވީ ކަޕޫރްގެ އިތުރުން ލަކްޝް ލަލްވާނީ ލީޑަށްލައިގެން 2019 ގައި މަސައްކަތް ފެށި ފިލްމެކެވެ. ލަކްޝް އަކީ ދަރުމާ އިން މިދިޔަ އަހަރު ގެނެސްދިން "ކިލް" އިން ތައާރަފުކުރި އެކްޓަރެވެ. އަދި އޭނަ އަކީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކޮށް މި މަހުގެ 18 ގައި ނެޓްފްލިކްސް އަށް ދޫކޮށްލި "ދަ ބޭޑްސް އޮފް ބޮލީވުޑް" ލީޑް ތަރި އެވެ.

"ދޯސްތާނާ 2" ގެ ޑައިރެކްޝަނާ ކުރިން ހަވާލުވީ ދަރުމާ އިން މި ފަހުން ގެނެސްދިން ވެބް ސީރީޒްތައް ކަމަށްވާ "ޔޫ ވޮނަ ޕާޓްނާ" އާއި "ކޯލް މީ ބޭ" ހެދި ކޮލިން ޑި ކަންހާ އެވެ. މީގެ މަސައްކަތް ހުއްޓާލައި ފިލްމުން ކާތިކް ވަކިކުރިކަން ދަރުމާ އިން އިއުލާންކުރީ 2021 ގަ އެވެ. ނަމަވެސް ފިލްމުގެ ޝޫޓިންގެ 20 ޕަސެންޓް ނިމިފައި ވަނިކޮށް، ކާތިކް ވަކިކުރި ސީދާ ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ.

ނަމަވެސް އެ ނިންމުމާ ގުޅިގެން ކާތިކާއި ކަރަންއާ ދެމެދު ކުނި ޖެހި، ގާތް ރައްޓެހިކަން ވެސް ކެނޑުނެވެ. އެކަމަކު އެެ ގުޅުން 2023 ގައި ރަނގަޅުވެ، ކާތިކް ފަހުން ވަނީ ދަރުމާގެ އެހެން ދެ ފިލްމަކަށް ސޮއި ވެސް ކޮށްފަ އެވެ. އެއީ މި އަހަރުގެ ޑިސެމްބަރު 31 ގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އާއި އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ދޯސްތާނާ 2" ގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ އެވެ. އަދި މީގެ ޑައިރެކްޓަރަކަށް މިހާރު ހަމަޖައްސާފައި ވަނީ ދަރުމާ އިން މި އަހަރުގެ މާޗްގައި ނެޓްފްލިކްސް އަށް ގެނެސްދިން "ނާދާނިޔާން" ގެ ޑައިރެކްޓަރު ޝައުނާ ގޯމަތެވެ.

"ދޯސްތާނާ 2" ގައި ލަކްޝް ހިމެނުނު ނަމަވެސް ފިލްމުގެ ބަތަލާ ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާތަކުން ބުނެ އެވެ.

މި ފިލްމަކީ ދަރުމާ އިން 2008 ގައި ގެނެސްދިން "ދޯސްތާނާ" އާ ގުޅުވައިގެން ހަދާ ފިލްމެކެވެ. ތަރޫން މަންސުކާނީ ޑައިރެކްޓްކުރި އެ ކާމިޔާބު ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމާއި ޕްރިޔަންކާ ޗޯޕްޅާ އަދި އަބީޝެކް ބައްޗަނެވެ.