ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ގާތްވާން ފެށުމުން، މިދިޔަ އަހަރުގެ ކުރީކޮޅު ބިންގާ އެޅި ފޭދޫގެ އާ ސްކޫލް އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ފަށައިފި އެވެ.
އެ އަވަށުގެ ހިއްކި ބިމުގައި އިމާރާތް ކުރަން ހަމަޖެހިފައިވާ މި ސްކޫލްގެ ބިންގާ އެޅީ މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޕްރީލް 9، 2024 ވަނަ ދުވަހުގެ ރެ އެވެ.
ބިންގާ އަޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.
ބިންގާ އެޅި އިރު ޖުމްލަ 40 ކްލާސް ރޫމް އެކުލެވޭ ސްކޫލްގެ ބިންގާ އެޅުމުގެ ކުރިން އެ މަޝްރޫއު ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސޮއިކުރީ ފޭދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޑޭކެއާ ސެންޓަރެއް ވެސް ހިމެނޭ ގޮތަށް ސްކޫލްގެ އާ އިމާރާތް އެސްޖޭއާ ހަވާލުކުރީ 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 145،292،400ރ. އަށެވެ.
ނަމަވެސް މިހާތަނަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުގޮސް ދިގުލައިގެން ގޮސްފައިވާތީ ފޭދޫގެ ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔާފައިވެ އެވެ.
ފޭދޫގައި ހުރި ހަމައެކަނި ސްކޫލް ކަމަށްވާ ފޭދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރަން އަލަށް އިމާރާތް ކުރަން ނިންމި ސްކޫލްގެ މަސައްކަތް ނުފެށި ލަސްވެފައި އޮތީ ކޮންސެޕްޓް ޑިޒައިނަށް ފަހުން ބަދަލުތަކެއް ގެންނަން ޖެހި އިތުރު 10 ކްލާސްރޫމް އިތުރު ކުރަން ޖެހިގެން ކަމަށް މިނިސްޓަރު ޝަފީއު މަޖިލީހުގައި މި އަހަރުގެ މެއި މަހުގެ ތެރޭގައި ވިދާޅުވެފައިވެ އެވެ.
އެކަމަކު މިހާރު އެތަނުގެ ފައުންޑޭޝަންގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފޭދޫ ސްކޫލްގެ އާ އިމާރާތް ވާނީ ރާއްޖޭގެ ސްކޫލެއްގައި ހެދޭ އެންމެ ފުރަތަމަ ލެންގުއޭޖް ލެބްގެ އިތުރުން ފީފާ އިން ގަބޫލުކުރާ ފެންވަރުގެ ޓާފްއެޅި ދަނޑެއް ވެސް އޮންނާނެ ސްކޫލަކަށެވެ. އެހެންވެ މިނިސްޓަރު ޝަފީގު ވިދާޅުވެފައި ވަނީ އެ ސްކޫލް ވާނީ ރާއްޖޭގައި އާ ކަންތައްތަކެއް ތައާރަފުވެގެން ދާނެ ވަރަށް ތަފާތު ސްކޫލަކަށް ކަމަށެވެ.