މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓްގައި ޗައިނާ އަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފި އެވެ.
ގައުމީ އެއާލައިނަށް ފުރަތަމަ ގެނައި ވައިޑް ބޮޑީ (އޭ 330) ބޯޓްގެ ދަތުރުތައް ޗައިނާ އަށް ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ. އެގޮތުން އެ ގައުމުގެ އެކި ސިޓީތަކަށް ވައިޑް ބޮޑީގައި މޯލްޑިވިއަނުން މިހާތަނަށް އައީ ޝެޑިއުލް ދަތުރުތަކެއް ބާއްވަމުންނެވެ.
ނަމަވެސް އެ ބޯޓްގެ ދަތުރުތައް ޗައިނާ އަށް މެދުކަނޑާލައި މިހާރު އެ ގައުމަށް ދަތުރުތައް ބާއްވަމުން އަންނަނީ އެއާބަސް 320 ގަ އެވެ.
މިކަން މޯލްޑިވިއަނުން އަންގާފައިވާ ކަމަށް ރާއްޖޭގެ މަޝްހޫރު ޓްރެވެލް އެޖެންސީ، އޭސް މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވެސް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާ ކުރައްވާފައިވެ އެވެ. އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި، އޭނަ ވަނީ ވައިޑް ބޮޑީ ބޯޓްގެ ބޭނުން އެންމ އެކަށީގެންވާ ގޮތުގައި ހިފޭނީ ކިހިނެއްތޯ ވެސް ސުވާލު އުފައްދައިފަ އެވެ.
މޯލްޑިވިއަނުން ވައިޑް ބޮޑީ ބޯޓެއް ގެނައީ އެ އެއާލައިންގެ ހިދުމަތް ފުޅާކޮށް، ދުރު ސަރަހައްދުތަކަށް ދަތުރުތައް ކުރަން ފެށުމުގެ ޕްލޭނަކާ އެކީގަ އެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ވެސް އެ މަރުކާގެ އިތުރު ބޯޓެއް ގެންނާނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ވައިޑް ބޮޑީގެ ފުރަތަމަ ބޯޓްގެ ދަތުރުތައް މެދުކަނޑާލީ ކީއްވެގެން ކަމެއް މޯލްޑިވިއަނުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އެ ބޯޓްގައި މި އަހަރު މީހުން ހައްޖަށް ވެސް ގެންގޮސްފައިވާ އިރު، ޗާޓަރު ދަތުރުތަކުގައި އުމްރާ އަށް ވެސް މީހުން ގެންގޮސްފައިވެ އެވެ.