Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

އިންސްޓަގްރާމް ބޭނުންކުރާ އަދަދު 3 ބިލިއަނަށް

އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ތިން ބިލިއަނަށް އަރައިފި އެވެ.

މިކަން ހިއްސާކޮށް މެޓަ އިން ހިންގާ އެ ޕްލެޓްފޯމްގެ ހެޑް އެޑަމް މޮސެރީ އިންސްޓަގްރާމް ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އެކްޓިވްކޮށް އެ ބޭނުންކުރާ މީހުންގެ އަދަދު 3 ބިލިއަނަށް އެރުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި މިފަދަ ކުރިއެރުމެއް އައީ އިސްޓަގްރާމަށް މި ފަހުން އިތުރު ކުރި ބައެއް ފީޗާތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި މެސެޖިން އާއި ރީލްސް އަދި ރިކޮމެންޑޭޝަން ފަދަ ފީޗާތައް ފާހަގަކޮށްލެވޭ ކަމަށް ވިދާޅުވި އެވެ.

އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަަދު ތިން ބިލިއަނަށް އެރިކަން އިއުލާން ކުރުމާ ގުޅިގެން އެ އަދަދުގެ ސައްހަކަމާ މެދު ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ. އެގޮތުން ބޮޓް އަދި އެކްޓިވް ނޫން އެކައުންޓްތައް ވެސް އޭގެ ތެރޭގައިު ހިމެނިދާނެ ކަމަށް ބުނެފައިވެ އެވެ.

އިންސްޓަގްރާމް ވުޖޫދަށް އައީ މީގެ 14 އަހަރު ކުރިން އޮކްޓޯބަރު 6، 2010 ގަ އެވެ. މި އެޕް ހިންގާ މެޓަ އަކީ ކުރީގެ އެންމެ މަގުބޫލު އެޕް ކަމަށްވާ ފޭސްބުކްގެ އިތުރުން މެސެންޖާ އާއި ވަޓްސްއެޕް ވެސް ހިންގަމުން އަންނަ ކުންފުންޏެވެ.

އިންސްޓަގްރާމަކީ މިހާރު ބައެއް ކޮންޓެންޓް ކުރިއޭޓަރުން ކާންބޯން އާމްދަނީ ވެސް ހޯދާ ވަސީލަތެވެ.