Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

ބޭރުގެ އޮޕަރޭޝަނެއްގައި ފުލުހުން ބައިވެރިވެއްޖެ

އޮންލައިން މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެކްސްޕްލޮއިޓޭޝަނާ ދެކޮޅަށް ހިންގި ބޮޑު ބައިނަލްއަގްވާމީ ޤާނޫނު ތަންފީޒުކުރުމުގެ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ބައިވެރިވެއްޖެއެވެ.

މި އޮޕަރޭޝަނަކީ ޔޫއޭއީގެ އިންޓީިއާ މިނިސްޓްރީގެ އިސްނެގުމުގެ ދަށުން މި އަހަރުގެ ޖުލައި 10 އިން މިދިޔަ މަހުގެ 31 އަށް ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ރާއްޖޭގެ އިތުރުން ރަޝިޔާ، ތައިލެންޑް، އިންޑޮނޭޝިއާ، ނޭޕާލް، ޕެރޫ، ބްރެޒިލް އަދި އެހެނިހެން ގައުމުތައް ހިމެނޭ ގޮތަށް 15 ގައުމެއްގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބައިވެރިވެފައިވެ އެވެ.

ކާމިޔާބު އޮޕަރޭޝަނުގައި ޖުމްލަ 188 މީހަކު ހައްޔަރުކުރެވި، މުޅި ދުނިޔޭގައި ޝިކާރައަކަށްވެފައިވާ 165 ފަރާތް ސަލާމަތްކުރެވި، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މެޓީރިއަލް ބެހުމަށް ހިންގަމުންދިޔަ 28 ނެޓްވޯކް ހުއްޓުވާފައިވެ އެވެ.

މީގެ އިތުރުން، މުއައްސަސާތަކުން ވަނީ 113 ޔޫޒާ އެކައުންޓް ބަންދުކޮށް، 153 އިލެކްޓްރޯނިކް ވަސީލަތް އަތުލައި، އަދި އޮންލައިން ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 76 ކެމްޕެއިނެއް ވެސް ހިންގައިފަ އެވެ.

ފަނަރަ ގައުމެއްގެ ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ރާއްޖެއިން ބައިވެރިވުން ދައްކުވައި ދެނީ ބައިނަލްއަގުވާމީ އެއްބާރުލުމުގެ ތެރެއިން އޮންލައިން މެދުވެރިކޮށް ކުޑަކުދިން އެކްސްޕްލޮއިޓޭޝަނާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތް އިތުރުވެ، ދުނިޔޭގެ ފެންވަރުގައި ގާނޫނު ތަންފީޒު ކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ތެރެއިން، ކުޑަކުދިން ރައްކާތެރިކުރުމާއި ސައިބަ ސަލާމަތްތެރިކަން ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާ ކަން ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.