Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

ރިސޯޓުތަކުން ކައުންސިލްތަކަށް ދާއިމީ މަންފާއެއް އޮތްތޯ ބަލަނީ

މީހުން ދިރިއުޅޭ ރަށްރަށާ ކައިރީ ރިސޯޓުތަކުން ދާއިމީ މަންފާއެއް، އެ ރިސޯޓުގެ ފަޅުތެރޭގައި ނުވަތަ އެ ރިސޯޓާ އެންމެ ކައިރީގައި އޮންނަ ރަށެއްގެ ކައުންސިލަށް ލިބޭނެ ފުރުސަތެއް އޮތްތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތ. އޮމަދޫގައި އެ މަނިކުފާނު މިއަދު ވިދާޅުވީ ކައުންސިލްގެ އިހްތިސާސްގައި އޮންނަ ރަށެއްގައި ރިސޯޓު ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ.

"ގާނޫނުގައި މި އޮންނަނީ އިހްތިސާސްގެ ތެރޭގައި ފަޅުރަށެއް އޮތަސް، އެރަށް އިހްތިސާސްގެ ތެރޭގައި ބާއްވައިގެން ރިސޯޓެއް ތަރައްގީއެއް ނުކުރެވޭނެ ކަމަށް، އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓެއްވެސް އަދި ނޯމަލް ރިސޯޓެއްވެސް ނުގެންދެވޭ،" ރައީސް ވިދާޅުވި އެވެ. "އިހްތިސާސުން ވަކިކޮށްފައި ދެން އިންވެސްޓަރެއް ހޯދައިގެން ރިސޯޓެއް ހެދިދާނެ."

އެކަމަކު ކައުންސިލްގެ އިހްތިސާސް ތެރޭގައި އޮންނަ ރަށްރަށުގައި ގެސްޓްހައުސްތަކާއި ސިޓީހޮޓާ ހިންގޭނެ ކަމަށް ވިދާޅުވި އެވެެ.

"ރިސޯޓުތަކެއް ނުހިންގޭ އެއީ ގާނޫނުގައި އެެހެން އޮންނާތީ،" ރައީސް ވިދާޅުވި އެވެ. "އެއީ ޓޫރިޒަމް އިންޑަސްޓްރީ ހިމާޔަތް ކުރުމަށްޓަކައި، ޓޫރިޒަމް އިންޑަސްޓްރީ އިތުރަށް ކުރިއަށް ގެންދިއުމަށް."

އެ މަނިކުފާނު ވިދާޅުވީ ކައުންސިލްގެ އިހްތިސާސުން ވަކިކޮށްގެން ވެސް ރަށެއްގައި ރިސޯޓު ތަރައްގީކޮށްފި ނަމަ، އެކަމުގެ އެންމެ ބޮޑު ފައިސާ ލިބޭނީ، އެ ކައުންސިލާއި އެ ކައުންސިލްގެ ދަށުގައި ހިމެނޭ ރައްޔިތުންނަށް ކަމަށެވެ.

ނަމަވެސް ކައުންސިލްތަކުން ބަލަނީ، އިހްތިސާސްގެ އެގްރީމެންޓް ތެރޭގައި ހިމަނައިގެން ކައުންސިލަށް އެ ރިސޯޓުން ވަކި އިންސައްތައެއްގެ ފައިދާއެއް ލިބޭ ގޮތް ހަދަން ކަމަށް ވިދާޅުވި އެވެ.

"ގާނޫނީގޮތުން އެފުރުސަތު ދެވޭނެތޯ، ނޫންތޯ، އެއީ އަޅުގަނޑުމެން އަދިވެސް ބަލަމުންދާ ކަމެއް. ވަކިން ވަކި ރަށެއްގެ ކައުންސިލަށް އެކަމުން ފައިދާވުން އެއީ ހަމައެކަނި އަޅުގަނޑުމެނަށް ހަައްލު ނޯންނާނެ ކަަމަކީ،" ރައީސް ވިދާޅުވި އެވެ. "އެހެން ނަމަވެސް ރަށުގެ އެންމެ ކައިރީގައި އޮންނަ ފަޅުރަށެއް، ރިސޯޓަކަށް ހެދިގެން ދިޔައިމަ، އޭގެން އެންމެ ބޮޑު ފައިދާވާނީ އެ ރަށަށް ނަމަވެސް ދާއިމީ އިންކަމެއްގެ ގޮތުގައި ކައުންސިލަށް އޭގެން ފައިދާ ލިބޭނެގޮތް ހެދޭތޯ އަޅުނޑުމެން އަދިވެސް އެބަ ބަލަން މިހާރު އޮތް ގާނޫނުގެ ތެެރެއިން ގާނޫނު ބަދަލު ނުކޮށް ގަވާއިދުގެ ތެެރެއިން ވެސް އެކަަމަށް ފުރުސަތެއް ދެވޭތޯ."