ތ. ކިނބިދޫ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވާ ގޮތަށް، އެއަތޮޅު ކިނބިދޫއާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ރާއްޖޭގެ ހަތަރުއަތޮޅެއްގެ މީހުންދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކިނބިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކިނބިދޫ-ވޭމަންޑޫ ގުޅާލާ، ކޯޒްވޭ މަޝްރޫޢު ކުރިއަށްގެންދަވާނީ ފަތުރުވެރިކަން ފުޅާކުރެވޭ ގޮތަށްކަމަށާއި އެ މަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި، ޑިވެލޮޕަރެއް ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަޝްރޫޢަކީ މުޅި ތ. އަތޮޅަށް މުހިއްމު ކުރިއެރުންތަކެއް ލިބޭނެ މަޝްރޫޢެއްކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ކުރިއަށްގެންދާ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް މުހިއްމު ސަރަޙައްދެއްކަމަށް ރައީސް ވިދާޅުވި އެވެ.
ރަށުގެ ހިއްކި ސަރަހައްދުން ގޯތި ދޫކުރުމާއި ސަރުކާރުން ހިންގާ ހައުސިންގ މަޝްރޫޢު ފަދަ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭ ލޭންޑް ޔޫޒް ޕްލޭން ހެދުމުގައިވެސް، މި ކޯޒްވޭގުޅުމުން ދެ ރަށަށް އެކަމުގެ ފައިދާ ލިބޭގޮތަށް ރައްޔިތުންގެ މަޝްވަރާއާއިއެކު ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެ ދެ ރަށް ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ރިޔާސީ އިންތިހާބުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.