Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ސިޔާސީ މަސްރަހުގެ މައުލޫމާތު އެމްޑީޕީން އީޔޫއާ ހިއްސާކޮށްފި

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު އިދިކޮޅު އެމްޑީޕީން، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޑިޕްލޮމެޓުންނާއި ހިއްސާކޮށްފި އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މިއަދު އޮތް އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމްގެ އިތުރުން އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެމްބަރު ހުސެއިން ޝަހީމް އެވެ.

އެމްޑީޕީން ބުނީ މި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ އަދި ވެރިކަން ހިންގުމުގެ ކަންކަން ގޯސްވަމުންދާ ގޮތުގެ މައުލޫމާތު އީޔޫގެ ބޭފުޅުންނާއި ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން މި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަމާއި، ކޮރަޕްޝަންގެ ތުހުމަތުތަކާއި އަދި މީޑިއާ ބިލު މެދުވެރިކޮށް ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅުމަށް ކުރަމުންދާ ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެއިތުރުން ރާއްޖެއަށް ޑިމޮކްރެސީ ގެންނަން ކުރީ ދިގު ދަތުރެއް ކަމަށާއި ނަމަވެސް މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގައި ގާއިމުވެފައިވާ ޑިމޮކްރެޓިކް އުސޫލުތައް ބާރުމިނެއްގައި ފަހަތަށްދާ ކަމަށް މި ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.