މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އިސީ) އިން ހުޅުވާލައިފި އެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނުގެ ތިން މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ބާކީ ހަތަރު މެންބަރުން ހޮވާނީ މީޑިއާތަކުގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. އިސީން މިހާރު ހުޅުވާލާފައި ވަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާ ދެ މެމްބަރުން ހޯދުމަށެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން އީސީން ވަނީ އަންގާފަ އެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން މެންދުރު 2:00 އަށް އަދި ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 3:00 އިން 5:00 އަށެވެ.
އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމުގެ ފޯމު ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓް ކޮމްޕްލެކްސްގެ ފަސް ވަނަ ފްލޯއަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިޚާބު 2025 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ.