Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

މީޑީއާ ކޮންޓްރޯލް ގާނޫނު އަނބުރާ ގެންދަން އދ. އިން ގޮވާލައިފި

މިދިޔަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި މީޑިއާ ކޮންޓްރޯލް ގާނޫނު އަނބުރާ ގެންދަން ދިވެހި ސަރުކާރަށް އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ގޮވާލައްވައިފި އެވެ.

އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކީ ހިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް އޮތް ހުރަހެއް ކަމަށެވެ. އަދި މި ގާނޫނަކީ ރާއްޖެއިން އެއްބަސްވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފު އުސޫލުތަކެއް ގާއިމުކޮށް، ނޫސްވެރިންނާއި، މީޑިއާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާނެ ގޮތަށް އޮތް ގާނޫނެއް ކަމަށް ބުނެފައިވެ އެވެ.

ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތް މީޑިއާ ރިފޯމް ގާނޫނެއް އެކުލަވާލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ވަނީ ހުށަހަޅުއްވާފަ އެވެ.

މިނިވަން އަދި ތަފާތު މީޑިއާތައް އޮތުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ޑިމޮކްރަޓިކް މުޖުތަމައުގެ އަސާސެއް ކަމަށާއި އެހެންކަމުން މިހާރު އަމަލުކުރަމުންދާ ގާނޫނު އުވާލުމަށް ވަނީ ގޮވާލާފަ އެވެ. އަދި ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތް މީޑިއާ ރިފޯމް ގާނޫނެއް އެކުލަވާލަން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ އޮފީހުން ވަނީ ހުށަހަޅާފަ އެވެ.

ރައީސް އެ ބިލު ތަސްދީގު ކުރެއްވީ ގިނަ މީޑިއާތަކާއި ނޫސްވެރިންނާއި ނޫސްވެރިކަން ތަމްސީލުކުރާ ޖަމިއްޔާތަކާއި ބޭރުގެ ވަރަށް ބައެއް ޖަމިއްޔާތަކުން ވެސް ބިލު ތަސްދީގު ނުކުރަން ގޮވައިލަމުން ދަނިކޮށެވެ.