ތ. ގުރައިދޫގެ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ސަރުކާރުން މިރޭ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އެއާޕޯޓު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގުރައިދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވަޢުދަކީ އެރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުން ކަމަށާއި އެއާޕޯޓު މަސައްކަތަށް ބޭނުންވާ ބިން ހިއްކައި މިހާރު ނިމިފައިވާ ކަމަށެވެ. މި އެއާޕޯޓުގެ މަސައްކަތް މާދަމާ އިން ފެށިގެން 22 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މާނައަކީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 26، މިނިވަން ދުވަހު އިރާދަކުރެވިއްޔާ މި ރަށުގައި އެއާޕޯޓު ހުޅުވާނަން،" ރައީސް ވިދާޅުވި އެވެ.
މި އެއާޕޯޓަކީ ގުރައިދޫގެ ތަރައްގީއަށް ވަރަށް މުހިއްމު އިގްތިސާދީ ވަސީލަތެއް ކަމަށާއި އެއީ މުޅި މި ސަރަހައްދަށް ވެސް ކުރިއެރުން ހޯދުމުގެ ވަރަށް މުހިއްމު ދޮރާއްޓެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއީ ތަރައްގީގެ މުހިއްމު ފެށުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ގުރައިދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފެށިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ ރަށުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވެސް މާދަމާ ފެށިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.