Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ހާލަތު ބަދަލުވާނެ، ވެރިންނާ ގާނޫނު އަރާ ހަމަކުރާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: އަދަދު

ހާލަތު ބަދަލުވާނެ ކަމަށާއި މި ސަރުކާރުގެ ވެރިންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށް ބުނާ މައުލޫމާތުތަކެއް ސޯޝަލް މީޑިއާގައި ދާދިފަހުން ލީކުކޮށްލާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ އެ ހިޔާނާތް ހިނގީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި ނަމަވެސް އެ މައްސަލައިގެ ހުރިހާ މައްސަލަތަކެއް ނިންމައި، ޝަރީއަތުން އަދަބު ދިނީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.

އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯދަން މަސައްކަތް ނުކުރި ތަނުގައި، ރިޔާސީ އިންތިހާބުން ނާކާމިޔާބު ވުމުން އަދީބު ފުރުވާލީ ކަމަށާއި މި ސަރުކާރުން ވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުން ގެއްލުނު ފައިސާ ދައުލަތަށް ވައްދަން ކުރި މަސައްކަތެއް މިހާތަނަށް ނެތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އަދީބުގެ ފޯނުގެ ޗެޓްލޮގްތަކާއި ހުރިހާ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނާނެކަން އެނގިވަޑައިގަންނަވާނެ ކަމަށާއި އަދި އެމްއެމްޕީއާރްސީގެ ހުރިހާ ވާހަކައެއް ނިކުންނާނެކަން ވެސް ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މީޑިއާ ބިލެއް މަޖިލީހުން ފާސްކުރީ ވެސް އެހެންވެ ކަމަށާއި އަދީބުގެ ފޯނުން ކޮށްފައިވާ މުއާމަލާތްތައް ލީކުކޮށްގެން އުޅެނީ ފުލުހުންގެ ތެރެއިން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެއީ ހަމަ މުއިއްޒަށް ކެހިދޭންވެގެން ކުރާ ކަމެއް. އެއީ މިކަމަކުން އަދީބަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.

ފުލުހުންގެ ތެރެއިން މިފަދަ އެއްޗެހި ލީކުކުރީ މި ސަރުކާރުގެ ވެރިންގެ "ދުއްޕާން" ބޮޑުވެގެން ކަމަށާއި ސަރުކާރުގެ ވެރިންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"ރައްޔިތުން ތިބީ ކެތްމަދުވެފައި. މި ހުރިހާ އެންމެންނާ ގާނޫނު އަރާ ހަމަކުރާނެ، ގާނޫނު ހިންގާނެ. ގާނޫނު ހިންގާ ވަރު ވެރިން ރާއްޖެއަށް އަންނަން ވާނެ. ދިވެހި ރައްޔިތުންނަށް އެންމެ ކުޑަމިނުން އެވަރު ޑިޒާވްވޭ،" ޔާމީން ވިދާޅުވި އެވެ.