Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޝާރްޖާގެ އަމީރުގެ އެވޯޑެއް ކަށިމާ ޝާކިރަށް

ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރު ކަށިމާ އަޙްމަދު ޝާކިރަށް ޝާރްޖާގެ އަމީރު ޞާޙިބުއްސުމުއްވު އައްޝައިޚު އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީގެ ފަރާތްޕުޅުން ޚާއްޞަ އެވޯޑެއް ލިބިވަޑައިގެންފި އެވެ.

އަމީރުގެ އަތްޕުޅުން ދެއްވި މި އެވޯޑު ދެއްވީ އެ މަނިކުފާނުގެ ޚާއްޞަ ބެއްލެވުމެއްގެ ދަށުން، ޝާރިޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުގެ ފަރާތުން އިންތިޒާމުކުރައްވައިގެން މި މަހު 22 އިން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދާ "ޝާރްޖާ އިންޓަނޭޝަނަލް ނެރޭޓާސް ފޯރަމްގަ" އެވެ.

ޝާކިރަށް ލިބިވަޑައިގެންފައި ވަނީ 2025ވަނަ އަހަރުގެ ޝަރަފުވެރި ރާވީގެ އެވޯޑެވެ.

އެ އެވޯޑު ދެނީ އެ ބޭފުޅަކު ޤައުމެއްގެ ތަރިކައިގެ ދާއިރާއަށް ކުރައްވާފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ ސަބަބުން އެ ބޭފުޅަކީ އެ ޤައުމެއްގައި ތަރިކައިގެ ދާއިރާގެ ޚާޒާނާއެއްކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތަކަށެވެ. ކަށިމާ ޝާކިރަކީ ދިވެހި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއްކޮށް ދެއްވާފައިވާ ބޭފުޅެކެވެ.

އޭނަ ވަނީ ގިނަ އަދަދެއްގެ ފޮތްތަކެއް ވެސް ލިޔުއްވައިފަ އެވެ. އޭގެ ތެރޭގައި ޤަރުނު ފޮތް ސިލްސިލާ އާއި އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާ ހިމެނެ އެވެ.

މިހާރު ޝާކިރުގެ ޚިދުމަތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިވެހިޤައުމިއްޔަތު އިއާދަކޮށް ދިރުވާ އާލާކުރެއްވުމުގެ މަޤުޞަދުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިތަރިކާ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. ޚާއްޞަކޮށް ރައީސް މުޢިއްޒު އުފައްދަވާފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރުގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ އެ މަރުކަޒުގެ ވިލަރެސްވެރީން ތަމްރީ ނުކުރުމާއި މުޤައްރަރުތައް ފަރުމާކުރުން ފަދަ މަސައްކަތްތައް ކުރައްވަމުންނެވެ.

ޝާކިރުވަނީ ޝާރިޖާ ފޯރަމުގެ އެކި ދަންފަޅިތަކުގައި ރާއްޖޭގެ ތާރީޚާ ބެހޭ ހުށަހެޅުންތައް ހުށަހަޅުއްވައިފަ އެވެ.