އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ބިނާކޮށް ބޮލީވުޑުން ގެނެސްދިން ހެއިސްޓް ކޮމެޑީ "ކްރޫ" ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖޭޝް އޭ ކްރިޝްނަން ޑައިރެކްޓްކޮށް 2023 ގައި ގެނެސްދިން ކާމިޔާބު ފިލްމުގެ ލީޑް ތަރިންނަކީ ކަރީނާ ކަޕޫރާއި ތައްބޫގެ އިތުރުން ކްރިތީ ސެނަން އެވެ. ތިން ބަތަލާއިން ވެސް "ކްރޫ" ގައި ކުޅުނީ ކެބިންކްރޫންތަކެއްގެ ރޯލެވެ.
ޕިންކްވިލާ އިން ބުނީ މީގެ ސީކްއެލްއެއް ހަދަން އެކްތާ އާއި ރިއާ ޕްލޭންކޮށްފައިވާ އިރު، ކުރީގެ ބައިގެ ކާސްޓުން "ކްރޫ 2" ގައި ބައިވެރި ވާނީ ކަރީނާ އެކަނި ކަމަށެވެ. އަދި އޭނައާ އެކު އެހެން ދެ ބަތަލާކު ފިލްމަށް ނަގާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ނަމަވެސް އާ ފިލްމާ އިތުރު ތަފުސީލުތަކެއް އަދި ނުލިބެ އެވެ. އެހެންވެ "ކްރޫ 2" ވެސް ޑައިރެކްޓް ކުރާނީ ރާޖޭޝްކަން ވެސް ކަށަވަރެއް ނުވެ އެވެ.
ޖުމްލަ 75 ކްރޯޑް ރުޕީސް (8.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ކްރޫ" އަކީ ބޮކްސް އޮފީހުގައި 157.08 ކްރޯޑް ރުޕީސް (18 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.
މީގެ ދެވަނަ ބައިގެ ވާހަކަ ދެކެވެން ފެށި އިރު، ކަރީނާ އިއްޔެ ވަނީ ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ ކްރައިމް ތުރިލާ "ދާއިރާ" ގެ މަސައްކަތް ފަށައިފަ އެވެ.