މިހާރު އަމަލު ކުރަން ފަށާފައުވާ މީޑިއާ ކޮންޓްރޯލް ބިލާ ގުޅިގެން ސަރުކާރަށް ކުރިމަތިވަމުންދާ ފިއްތުންތައް ކުޑަކޮށް، އެ ގާނޫނު ދިފާއުކުރަން ސަރުކާރުގެ ޓީމެއް ރާއްޖެއިން ބޭރުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.
އެ ޓީމުގައި ހިމެނެނީ ފޮރިން މިނިސްޓްރީގެ މަލްޓިލެޓަރަލް ޑިޕާޓްމަންޓްގެ ވެރިޔާ އަހުމަދު ޝިޔާން އާއި އޭޖީ އޮފީހުގެ ސްޓޭޓް ކައުންސިލް މާޒިޔާ އަބްދުއް ސައްތާރުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނަޝީތާ ނަޝީދެވެ.
ތިން ބޭފުޅުންގެ އެ ޓީމު އެންމެ ފުރަތަމަ ދިޔައީ ސްރީ ލަންކާއަށެވެ. އެގޮތުން އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީގައި ލަންކާ ނޫސްވެރިންނާ އެކު ބައްދަލުވުންތައް ބާއްވާފައިވެ އެވެ. މި ބައްދަލުވުންތަކުގައި ލަންކާއަށް ކަނޑައަޅާފައިވާ ދިވެހި ސަފީރު މަސްއޫދު އިމާދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ލަންކާގެ ނޫސްވެރިންނާ ޓީމުން ބައްދަލުކުރި ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކުރުމާ ގުޅިގެން، ދިވެހީ ނޫސްވެރިންނާ އެކު ތިބިކަން ހާމަކޮށް ދޭން ލަންކާގެ ނޫސްވެރިންތަކެއް އެމްބަސީ ކައިރީގައި ކުރިން އިހުތިތާޖު ވެސް ކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
ލަންކާ އަށް ފަހު ޓީމު މިހާރު ހަރަކާތްތެރި ވަނީ އިންޑިއާގަ އެވެ.
ނަމަވެސް މި ޓީމުގެ ދަތުރާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލް ކުރަން ފާސްކުރަން އުޅުމުންނާއި އެ ފާސްކޮށް ގާނޫނަކަށް ހަދަން ތަސްދީގު ނުކުރަން ބޭރުގެ އެކިއެކި ފަރާތްތަކުން ގޮވާލާފައިވެ އެވެ. ނަމަވެސް އެ ހުރިހާ އަޑުތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު، ބިލު ތަސްދިގުކޮށްފައިވާތީ އެ ގާނޫނު އަނބުރާ ގެންދަން އދ. އިން އިއްޔެ ގޮވާލާފައިވެ އެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްކުރީ ރާއްޖޭގެ ވަރަށް ގިނަ ނޫސްވެރިންނާއި ވަރަށް ގިނަ އާންމުންނާއި ސިޔާސީ ބައެއް ޕާޓީތަކުން ވެސް އެއާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ.