Last Updated: June 7, 10:44
Sunday, June 7, 2026
ޚަބަރު

މޯލްޑިވިއަނުން ދެކުނު ކޮރެއާ އަށް ދަތުރުތައް ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ދެކުނު ކޮރެއާއަށް ވެސް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

އެ ގައުމަށް ދަތުރުތައް ފަށާނީ މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭސް) އިން ވަނީ ދެކުނު ކޮރެއާއަށް ދަތުރުތައް ފެށުމަށް މޯލްޑިވިއަންގެ ޖެނެރަލް ސޭލްސް އެޖެންޓްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

އެ އިއުލާނުގައިވާ ގޮތުން ދެކުނު ކޮރެއާގެ ދަތުރުތައް ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

ޖެނެރަލް ސޭލްސް އެޖެންޓްގެ ހިދުމަތްދޭ ފަރާތުން ދެކުނު ކޮރެއާ އާއި ރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ކުރާ ދަތުރުތަކުގެ ޓިކެޓް ވިއްކުމުގެ އިތުރުން ފަސިންޖަރުގެ ރިޒަވޭޝަން ހެއްދުމުގެ ހިދުމަތް ފޯރުކޮށް ދޭން ޖެހެ އެވެ. އަދި ސޭލްސް އެޖެންޓް އެންޑް ޕާޓްނާ މެނޭޖްމަންޓް ހިދުމަތްތަކާއި މާކެޓިން، ޕްރޮމޯޝަން އަދި ޕަބްލިކް ރިލޭޝަންސްގެ ދަށުން ދޭން ޖެހޭ ހިދުމަތްތައް ވެސް ހިމެނެ އެވެ.

ޖެނެރަލް ސޭލްސް އޭޖެންޓްގެ އެއްބަސްވުން ފުރަތަމަ ހަދަން ނިންމާފައި ވަނީ ތިން އަހަރުގެ މުއްދަތަކަށެވެ. އޭގެ ފަހޔުން ޕާފޯމަންސް ރިވިއުތަކުގެ މައްޗަށް ބިނާކޮށް އިތުރު ދެ އަހަރަށް އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް އައިއޭސް އިން އެގޮތުން އަންނަ މަހުގެ 31 ގައި އެއްބަސްވުން ހަވާލުކޮށް، އަންނަ އަހަރު މާރޗު މަހުގައި ހިންގަން ފެށުމަށް ރޭވިފައިވާ އޮޕަރޭޝަންތަކުގެ ކުރިން، މި އަހަރުގެ ނޮވެމްބަރު 6 ގައި އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވާ ކަމަށް އައިއޭސް އިން ފާހަގަކޮށްފައިވެ އެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރުމުގެ ގޮތުބް މީގެ ކުރިން ޖަރުމަންގެ އިތުރުން ދެކުނު އެފްރިކާ އަށް ވެސް އެޖެންޓުން ހޯދަން އިއުލާންކޮށްފައިވެ އެވެ.

މޯލްޑިވިއަނުން މިހާރު ޝެޑިއުލް ދަތުރުތައް ބާއްވާ ގައުމުތަކަކީ އިންޑިއާ އާއި ޗައިނާ އެވެ.