Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ފެނަކަ ހިޔާނާތް: ސައީދުގެ އާއިލީ ކުންފުނިތަކަށް 31 މިލިއަން

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުގެ އާއިލީ ގުޅުން އޮންނަ އެކި ކުންފުނިތަކަށް 31 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އެ ރިޕޯޓުގައި ބުނީ ސައީދާއި ގުޅުންހުރި ކުންފުނިތަކުން މުދަލާއި ހިދުމަތް ހޯދުމަށް 49778099 ރުފިޔާގެ އެއްބަސްވުން ހަދާ އެ ކުންފުނިތަކަށް މިދިޔަ އަހަރުގެ ނިޔަލަށް 31124418 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ސައީދުގެ ޅިޔަނުންގެ އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެ ކުންފުންޏާއެކު ހަދާފައިވާ 90 އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ މަސައްކަތްތަކާއި ސައީދުގެ ޅިޔަނެއްގެ ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކާއެކު ހަދާފައިވާ 2 އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި މަސައްކަތްތައް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ ވިޔަފާރިތަކަކީ ޝެލްޓާ ހޯލްޑިންގްސް ޕަރައިވެޓް ލިމިޓެޑް، ޕަވަރޭ އިންވެސްޓްމެންޓް ޕަރައިވެޓް ލިމިޓެޑްގެ އިތުރުން ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ.

މި މަސައްކަތްތައް އެ ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ މުދަލާއި ތަކެތި ވިއްކާ އާންމު ފަރާތްތަކަށް ފެނަކައަށް މުދަލާއި ތަކެތި ވިއްކުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ނުލިބޭ ގޮތަށް ވަކި ފަރާތަކަށް ފެނަކައަށް ބޭނުންވާ މުދަލާއި ހިދުމަތް ހޯދުމުގެ މަސައްކަތުގެ ތެރެއިން ނާޖާއިޒު ފައިދާ ލިބިދޭ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ރިޕޯޓުގައިވެ އެވެ.

މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ސަރުކާރު ކުންފުންޏަކީ ފެނަކަ ކަމަށްވާއިރު ސައ،ީދުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ އެކި ދައުވާތައް އުފުލާފަ އެވެ.