Last Updated: June 12, 11:16
Friday, June 12, 2026
މުނިފޫހިފިލުވުން

މޯހިތު ސޫރީ އާއި އުދިތާގެ ކައިވެނި މި މަހު 29 ގައި

ބަޓް ކޭމްޕްގެ ޑައިރެކްޓަރު މޯހިތު ސޫރީ އާއި ބަތަލާ އުދިތާ ގޮސްވާމީ މި މަހުގެ 29 ވަނަ ދުވަހު ކައިވެނި ކުރަން ނިންމައިފި އެވެ.

މިކަން މޯހިތުގެ ކޮއްކޮ އަދި އޭނާ ޑައިރެކްޓް ކުރި ފިލްމް "ކަލްޔުގް" ގައި މުހިއްމު ރޯލެއް އަދާ ކުރި ސްމައިލީ ސޫރީ ވެސް ވަނީ ކަށަވަރުކޮށް ދޫފަ އެވެ. އަދި މޯހިތުގެ ކަޒިން އެކްޓަރު އިމްރާން ހާޝިމީ ވެސް ވަނީ ކައިވެނި ޕާޓީގެ ޕްލޭންތައް މީޑިއާ އާ ހިއްސާކޮށްފަ އެވެ.

ސްމައިލީ ބުނީ އޭނާގެ ބޭބެ ކައިވެނި ކުރަނީ މި މަހުގެ 29 ވަނަ ދުވަހު ހަރޭ ރާމާ ހަރޭ ކްރިޝްނާ ފައްޅީގައި ކަމަށެވެ. އޭގެ ކުރިން މޯހިތު އާއި އުދިތާގެ މެހެދީ ސެރަމަނީ މި މަހުގެ 28 ވަނަ ދުވަހު އޮންްނާނީ ގޭގަ އެވެ. އުދިތާ ވަނީ މޯހިތު ޑައިރެކްޓް ކުރި "ޒެހެރް" ގައި އިމްރާން ހާޝިމީ އާ އެކު މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

އެ ދެ މީހުންގެ ކައިވެންޏާ ބެހޭ ގޮތުން ސްމައިލީ އިތުރަށް ބުނީ ކައިވެނި ހަފުލާގައި އޭނާ އާއި އިމްރާން ޕާފޯމް ކުރާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
އެހެން ނަމަވެސް އޭގެ ތަފުސީލެެއް އަދި ދޭން ބޭނުން ނުވާ ކަމަށް ސްމައިލީ ބުންޏެވެ. އެ ހަފުލާގައި އިމްރާންގެ އަންހެނުން ޕަރްވީން އާއި ދަރިފުޅު އަޔާން ވެސް ބައިވެރި ވާނެ އެވެ.

"އާޝިގީ 2" ގެ މަސައްކަތް މިހާރު ކުރަމުން އަންނަ މޯހިތު އާއި އުދިތާ ކައިވެނި ކުރަނީ ރައްޓެހިވެގެން އުޅޭތާ ހަތް އަހަރު ފަހުންނެވެ.
ޕޫޖާ ބަޓް ޑައިރެކްޓް ކުރި "ޕާޕް" އިން ޖޯން އަބްރަހަމް އާ އެކު ބޮލީވުޑަށް ތައާރަފްވި އުދިތާ އެންމެ ފަހުން ފެނިފައި ވަނީ "ޑައިރީ އޮފް އަ ބަޓަފްލައި" އިންނެވެ.