Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ތ. އަތޮޅުގެ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް ހިދުމަތް

ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ތ. ގާދިއްފުށީގައި އޭޓީއެމްގެ ޚިދުމަތް ފަށައި، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކޮށް ފިއެވެ.

އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވުމާއެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން 15 އަތޮޅުގައި އޭޓީއެމް ޚިދުމަތް ގާއިމުކުރެވިފައިވާ ކަމަށެވެ.

"ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި އޭޓީއެމްތަކަކީ ބޭންކިން ނިޒާމުގައި ރައްޔިތުން ބައިވެރިކޮށްދޭ މުހިންމު ވަސީލަތެއް. އޭޓީއެމް ގާއިމްކުރުމުގެ އިތުރުން ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް އަޅުގަނޑުމެން މި ދަނީ ނުހަނު މުހިންމު މަސައްކަތްތަކެއް ކުރަމުން." ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.