Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ލޫޓުވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

އެމްޑީޕީގެ ވެރިކަމުގައި ދައުލަތް ލޫޓުވާލި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވެފައިމިވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވި ދުވަސްވަރު ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން އޮޑިޓު ރިޕޯޓަކުން ފަޅާއަރުވާލުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ ފެނަކައިން އެކަނި 2.2 ބިލިއަން ވަގަށް ކާލާފައިވާ ކަމަށާއި އެމްއެމްޕީއާރުސީގެ ޚިޔާނާތް ސައީދު އެކަނި ސުމަކަށް ޖައްސާލާފައިވާ ކަމަށެވެ. އަދި މި ފައިސާއިން ލައްކަ ދިމާލަށް ބައި އަޅާފައި ހުންނާނެ ކަމަށާއި ރަނގަޅަށް ބަލާލުމުން އެކަން ފެންނަން ހުންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

"މިހާރު ރައްޔިތުންނަށް ސާފުވާނެ 3 އޮކްޓޫބަރު ގައި މިކިޔާ ލޫޓުވައިފި މިބަހުގެ މާނަ. ހަނދާން ނައްތާލާ ތިހެން މުޅި ޤައުމު ނޮޅާލައިގެން ތިބެ ކުށެއް ނެތް ހަލާލު މަސައްކަތުން މުދާ ހޯދާފައި ތިބި ބައެއްގެ ބޮލުގައި ހުރިހާކަމެއް އަޅުވާފައި ބަޗައިގެން ނުދެވޭނެ. އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ މި އެންމެން،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވަނީ އެމްޑީޕީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އެތައްސަތޭކަ އަހަރެއް ގައުމު ފަހަތަށް ދުއްވާލައި އަދި ގައުމު ދަރުވާލައި، ބަނގުރޫޓުކޮށްލާ ކަމަށްވެސް ވިދާޅުވެފަ އެވެ.

މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ސަރުކާރު ކުންފުންޏަކީ ފެނަކަ ކަމަށްވާއިރު ސައީދުގެ މައްޗަށް ވަނީ ކޮރަޕްޝަންގެ އެކި ދައުވާތައް އުފުލާފަ އެވެ.