Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފެމިލީ ކޯޓަށް ގާޒީއަކު ހޯދަނީ

ފެމިލީ ކޯޓްގެ ގާޒީ ކަމަށް ކުރިމަތިލާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 2 އާ ހަމައަށެވެ.

ފެމިލީ ކޯޓްގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން ދެއަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމުގެ އިތުރަށް އުމުރުން 25 އަހަރުވެފައި ވުން ހިމެނެ އެވެ.

ގާޒީގެ އަސާސީ މުސާރަ އަކީ 37،700ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 18،000ރ. އާއި
ރިސްކް އެލަވަންސަށް މަހަކު 3،300ރ. ލިބޭނެ އެވެ. އަދި މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.

ފެމިލީ ކޯޓަށް ގާޒީއަކު ހޯދަން ޖޭއެސްސީން އިއުލާންކުރީ އިސް ގާޒީގެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު ހައި ކޯޓަށް އިއްޔެ އައްޔަންކުރުމާ ގުޅިގެންނެވެ. އަދި ފެމިލީ ކޯޓް ވަގުތީ ގޮތުން ހިންގެވުން ވަނީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާ ހަވާލުކޮށްފަ އެވެ.