Last Updated: July 6, 14:04
Monday, July 6, 2026
ދުނިޔެ

ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށް ނުކުމެއްޖެ

އދ. ގެ އާންމު މަޖިލިހުގެ 80 ވަނަ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގްރީރު ކުރަން ފެށުމާއެކު، ގިނަ ގައުމުތަކުގެ މަންދޫބުން އެ ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންފި އެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމާ އެކު، އދ. ގެ ގިނަ މެމްބަރު ގައުމުތަކުގެ މަންދޫބުން ވަނީ އާންމު މަޖިލިހުގެ ޖަލްސާ ދޫކޮށް އެތަނުން ނުކުމެފަ އެވެ. އެއީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެގޮތުން އިސްލާމީ ގައުމުތަކުގެ އިތުރުން އެފްރިކާ އަދި ބައެއް ޔޫރަޕްގެ ގައުމުތަކުގެ މަންދޫބުން ވެސް ޖަލްސާ ދޫކޮށް ނުކުމެފައިވެ އެވެ.

އ.ދ ގައި ތަގުރީރު ކުރަން ނަތަންޔާހޫ އަށް ފުރުސަތު ދިނުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފަ އެވެ. މި ޖަލްސާ އަށް ވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަދި އެގައުމުގެ އޮފިޝަލުންނަށް ވިސާ ދޭން އެމެރިކާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ. އައްބާސް މި ޖަލްސާގައި ތަގުރީރު ކުރެއްވީ ވީޑިއޯ މެދުވެރިކޮށެވެ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ގިނަ ގައުމުތަކަކުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.