ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހު އަރީފް ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިފްރާހު ނިޔާވުމުގެ ހިތާމައިގައި، އިފްރާހުގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމުގެ ހިތާމައިގާ މަރްޙޫމުގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް… pic.twitter.com/JjosQ4F84S
— Dr Mohamed Muizzu (@MMuizzu) September 26, 2025
އިފްރާހު ،36، ނިޔާވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. އިފްރާހުގެ ޖަނާޒާ މިއަދުގެ ހުކުރު ނަމާދަށްފަހު ވަނީ ބާއްވާފަ އެވެ.
ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިފްރާހު އަކީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
އިފުރާ ވަނީ މާޒިޔާ، ނިއު ރޭޑިއަންޓާއި، ވިކްޓްރީ އާއި، ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަށް ވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.