Last Updated: July 6, 12:04
Monday, July 6, 2026
ޚަބަރު

ނަތަންޔާހޫގެ ތަގުރީރު ރާއްޖޭން ބޮއިކޮޓް ކޮށްފި

އދ. ގެ އާންމު މަޖިލިހުގެ 80 ވަނަ ސެޝަންގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގްރީރު ކުރަން ފެށުމާއެކު، ރާއްޖޭގެ މަންދޫބުން ޖަލްސާ ދޫކޮށް ނުކުމެއްޖެ އެވެ.

ނަތަންޔާހޫ އ.ދ ގައި ތަގުރީރު ދޭން ފެށުމުން ގިނަ ގައުމުތަކެއްގެ މަންދޫބުން ޖަލްސާ ދޫކޮށް ނުކުތީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. ނަތަންޔާހޫ ތަގުރީރު ކުރިއަށް ގެންދިޔައިރު ޖަލްސާ ކުރާ މާލަން އޮތީ ގާތްގަނޑަކަށް ހުސްކޮށެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ނަތަންޔާހޫ ތަގުރީރު ދޭން ފެށުމާއެކު ރާއްޖޭގެ މަންދޫބުން ވެސް ޖަލްސާ ދޫކޮށް ނިކުތް ކަމަށެވެ. އަދި ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ހަލީލު ވިދާޅުވި އެވެ.

އ.ދ ގައި ތަގުރީރު ކުރަން ނަތަންޔާހޫ އަށް ފުރުސަތު ދިނުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެގެން ގޮސްފަ އެވެ. މި ޖަލްސާ އަށް ވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އަދި އެގައުމުގެ އޮފިޝަލުންނަށް ވިސާ ދޭން އެމެރިކާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ. އައްބާސް މި ޖަލްސާގައި ތަގުރީރު ކުރެއްވީ ވީޑިއޯ މެދުވެރިކޮށެވެ.

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ގިނަ ގައުމުތަކަކުން ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.