Last Updated: July 6, 12:04
Monday, July 6, 2026
ޚަބަރު

ބެނާތައް ނެގިކަން އެނގުނީ ރާއްޖޭން ބޭރުގައި ހުއްޓާ

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ/ އެމްޑީޕީ

އަންނަ މަހުގެ ތިންވަނަ ދުވަހު، އިދިކޮޅު އެމްޑީޕީން ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު މުޒާހަރާއާ ގުޅިގެން މާލޭގެ މަގުތަކުގައި ދަމާފައި ހުރި ބެނާތައް މާލޭ ސިޓީ ކައުންސިލުން ނެގިކަން އެނގުނީ ރާއްޖެއިން ބޭރުގައި ހުއްޓާ ކަމަށް، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ދެމި ބެނާތައް ސިޓީ ކައުންސިލުން ނަގަން ފަށާފައިވަނީ ހުއްދަ ނުނަގައި އެކަން ކުރިއަށް ގެންގޮސްފައިވާތީ ކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ އެމްޑީޕީން މާލޭގައި ދަމާފައިވާ ބެނާތައް ނެގިކަން އެނގުނީ ރާއްޖެއިން ބޭރުގައި ހުއްޓާ ކަމަށާއި އެމްޑީޕީ އަދި ހުރިހާ ސިޔާސީ ޕާޓީ އަކަށް ވެސް ސިޔާސީ ހަރަކާތް ހިންގަން ހުރަސް އެޅިގެން ނުވާނެ ކަމަށެވެ. އެގޮތުން އޮންނަ އުސޫލުގެ މަތިން ބެނާ ހަރުކުރެވެން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ބެނާ ހަރު ކުރުމުގައި އަޅުގަނޑު ބައިވެރިވެސް ވާނަން. އަދި އިރާދަކުރެއްވިއްޔާ ރާއްޖެ ހަމަމަގަށް އެޅުވުމަށް ބާއްވާ ބޮޑު އެއްވުމަށް ވެސް ދާނަން،" އާޒިމް ވިދާޅުވި އެވެ.

"ލޫޓުވައިފި" ނަމުގައި އެމްޑީޕީން ބޮޑު އެއްވުމެއް މާލޭގައި ބޭއްވުމަށް ނިންމާފައިވާއިރު، އެ މުޒާހަރާއަށް ތައްޔާރުވާން އެމްޑީޕީން އަންނަނީ މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރަމުންނެވެ.

މާލޭގެ މަގުތަކުގައި ބެނާތަކާއި ޕޯސްޓަރު ހަރުކުރާނަމަ ސިޓީ ކައުންސިލުން ހުއްދަ ހޯދަން ޖެހެ އެވެ.