ކޮރަޕްޝަން ހިންގާނަމަ ވަކި މީހަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. ތިމަރަފުށީ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށްޓަކާ ކުރަންޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެކަމުގައި ވަކި މީހަކަށް ނުބަލާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ހަމައަކީ މީހާއަށް ބެލުމެއް ނޫން، ކުރި އަމަލަށް ބެލުން. ސިޔާސީއެއް ނުވާނަން. އެމީހަކު ކުރި ކަމެއް، އެއީ ކޮންމެ މީހަކު ކުރި ކަމެއް ވިޔަސް އެކަމަށް އޮންނަންޖެހޭ އެންމެ އަދުލުވެރި ގޮތަކަށް އަމަލުކުރުން، އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. އެގޮތަށް އަޅުގަނޑު ކަން ކުރާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު ސަރުކާރުގެ ފަރާތުން އެސެޓް ރިކަވަރީ ބިލެއް ހުށަހަޅާނެ ކަމަށެެވެ. އަދި އެ ބިލު، ޤާނޫނަކަށް ވާ ދުވަހުން ފަށައިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެފަދަ ބިލެއްގެ މައިގަނޑު މަޤްޞަދަކީ، މިދިޔަ ދުވަސްތަކުގައި ޤައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލައި، ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަން ނައްތާލުމަށް އެމަނިކުފާނުގެ ސަރުކާރު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެ ކަމަށާ، މޯލްޑިވްސް 2.0 ގެ ޑިޖިޓައިޒޭޝަން ބިޔަ، ބޮޑު މަޝްރޫޢަކީވެސް ކޮރަޕްޝަން ނައްތާލުމުގެ ބޭނުމުގައި ނިޒާމަށް ގެންނަ ބޮޑު ބަދަލެއް ކަމަށް ވިދާޅުވި އެވެ. މިއީ ކުރިއަށް އޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަމަށާ، ވެރިކަން ހިންގުމުގެ ނިޒާމުގެ ކަންކަން ޑިޖިޓަލައިޒް ކުރައްވަނީވެސް ކޮރަޕްޝަން ނައްތާލުމަށް ކަމަށްވެސް ވިދާޅުވި އެވެ.