ރަށްރަށުގައި ސަރުކާރުން ހަދާ ހައުސިން ޔުނިޓް/ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 20،000ރ. އިން 10،000ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުގެ ތެރެއިން އިއްޔެ ރޭ ތ. ތިމަފުށީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. ރައީސް ވިދާޅުވީ ހައުސިން ޔުނިޓުތަކުގެ ޑައުންޕޭމަންޓް ބޮޑުކަމަށް ބައެއް ރަށްރަށުގެ ރައްޔިތުން ބުނަމުންދާ ކަމަށެވެ.
އެހެންވެ އެ ހައުސިން ޔުނިޓްތަކަށް މަހު ކުލީގެ އިތުރުން ޑައުންޕޭމަންޓް މިހާރު ކުޑަކޮށް ދީފައިޗާ ކަމމަށް ވިދާޅުވި އެވެ. އެގޮތުން މަހު ކުއްޔަށް ދައްކަން ޖެހޭ އަދަދު 5،000ރ. މިހާރު 3،333ރ. އަށް ކުޑަކޮށް، ޑައުންޕޭމަންޓް 20،000ރ. އިން 10،000ރ. އަށް ކުޑަކޮށް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"އަދި ގްރޭސް ޕީރިއަޑް [ކުލި ދައްކައި ހަލާސް ކުރަން ދޭ މުއްދަތު] ވެސް ފަށާނީ ގެތަކަށް ވަންނަ ހިސާބުން." ރައީސް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓްތަކާއި ފްލެޓްތައް އަޅާފައިވާ އިރު، އެފަދަ މަޝްރޫއުތައް މިހާރު ވެސް އެކި ހިސާބުތަކުގައި ކުރިއަށް އެބަދެ އެވެ. އަދި މި ސަރުކާރުން ވެސް ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދީގެން ގިނަ މަޝްރޫއުތަކެއް ހިންގަން އޮތީ ނިންމައިފަ އެވެ.
އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހައުސިން ޔުނިޓްތައް އަޅަން ބީލަމަށް ވެސް ހުޅުވާލާފައިވެ އެވެ.