އދ ގެ ކޮމިޓީ އޮފް އެކްސްޕާޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަމް މެނޭޖްމަންޓް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން-ޖީޖީއައިއެމްއޭޕީ) ގެ އެގްޒެކެޓިވް ބޯޑުގެ 2025-2028 ވަނަ ދައުރަށް ފިނޭންސް މިނިސްޓްރީގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓަ ޖެނެރަލް، މުހައްމަދު ޝާފީ ހޮވިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދެކުނު ކޮރެއާގައި ބޭއްވި ޔޫއެން-ޖީޖީއައިއެމްއޭޕީގެ 14 ވަނަ ޕްލިނަރީ ބައްދަލުވުމުގައި އެ މަގާމަށް ޝާފީ ހޮވުނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އަރްމީނިއާ އާއި އޮސްޓްރޭލިއާ އާއި ފިޖީ އާއި އީރާނާއި ޖަޕާނާއި މެލޭޝިއާ އާއި މޮންގޯލިއާ އާއި ޕާކިސްތާނާއި ރަޝިއާ އަދި ޓޮންގާގެ މަންދޫބުންނާއެކު ގޮނޑި ހޯދާފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ގޮތުގައި މިއީ ރާއްޖެއިން އެ ބޯޑުގެ މެމްބަރުކަން އަދާކުރާނެ ފުރަތަމަ ފަހަރެވެ.
އދ. ގެ ޖީޖީއައިއެމްއޭޕީގެ އެގްޒެކްޓެކިވް ބޯޑުގައި، ދެ ކޯ-ޗެއާ އަދި ތިން ވައިސް-ޗެއާ، ހިމެނޭހެން ޖުމްލަ 15 މެމްބަރުން ހިމެނޭނެ އެވެ.
އދ. ގެ ޖީޖީއައިއެމްއޭޕީގެ އަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި ޖިއޯސްޕޭޝަލް މައުލޫމާތު ތަރައްގީކޮށް ބެލެހެއްޓުމުގައި އިސްދައުރެއް އަދާކޮށް، ވިލަރެސްކޮށް އަދި އެހީތެރިވެދޭ ސަރަހައްދީ ޖަމިއްޔާއެކެވެ. އެގޮތުން 56 ގައުމުގެ ހިމެނޭ މި ޖަމިއްޔާ އަކީ އދ. ގެ ޖީޖީއައިއެމްގެ އޮނިގަނޑުގެ ދަށުން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޖަމިއްޔާއެކެވެ.