ބޮލީވުޑްގެ ތަރި، ޝާހްރުކް ޚާންގެ ދަރިފުޅު، އަރިއަން ޚާން ލިޔެ ޑައިރެކްޓްކޮށް މި މަހު ގެނެސްދިން ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" ގެ ދެވަނަ ސީޒަނެއް ވެސް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ދާއިރާ އަށް ބިނާކޮށް ހެދި އެ ސީރީޒަކީ އަރިއަންގެ އާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދިން އެއްޗެކެވެ. މި މަހުގެ 18 ގައި ޕްރީމިއާކުރި "ބޭޑްސް އޮފް ބޮލީވުޑް" ގައި ހިމެނެނީ 7 އެޕިސޯޑެވެ.
މީގެ މައިގަނޑު ކާސްޓްގައި ހިމެނެނީ ބޮބީ ޑިއޯލް، ލަކްޝް ލަލްވާނީ، ޝަހެރް ބާމްބާ، ރާގަވް ޖުޔަލް، މޯނާ ސިންގް އަދި އަނިއާ ސިންގް އެވެ.
މިއަށް އާންމުންގެ ފަރާތުން ލިބެމުން އަންނަ ތައުރީފާއި ކްރިޓިކުންގެ ތައުރީފު ވެސް ވަރަށް ބޮޑަށް އޮހިފައިވާ އިރު، މީޑިއާތަކުން ބުނީ ސީރިޒްގެ ދެވަނަ ސީޒަނަކަށް އަރިއަން މިހާރު ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އެކަމަކު އެކަން އަދި އޭނަ އާއި ރެޑް ޗިލީސް އަދި ނެޓްފްލިކްސްގެ ފަރާތުން ވެސް ކަށަވަރުކޮށެއް ނުދެ އެވެ.
"ބޭޑްސް އޮދް ބޮލީވުޑް" އަކީ އަރިއަންގެ ފުރަތަމަ ރަސްމީ ފިލްމީ ޕްރޮޖެކްޓެވެ. އޭނަގެ ބައްޕަ ޝާހްރުކަކީ ދުނިޔޭގެ އެންމެ ނުފޫޒު އެއް ތަރިއަށްވާތީ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ އަރިއަން ވެސް ވާނީ ފިލްމު ކުޅޭ މީހަކަށް ކަމަށެވެ. ނަމަވެސް އޭނަ ހިޔާރު ކުރީ ޑައިރެކްޝަނެވެ.
ވަރަށް ގިނަ ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި 27 އަހަރުގެ އަރިއަން އަކީ ކުރިމަގު ވަރަށް އުޖާލާ ޑައިރެކްޓަރެކެވެ. އަރިއަން އަކީ އެމެރިކާގެ ސަދަން ކެލިފޯނިއާ ޔުނިވަސިޓީން ފައިން އާޓްސް އިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވާ ޒުވާނެކެވެ.