Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 1.6 މިލިއަނަށް

އައްޑޫ ކެނަރީފް ރިސޯޓްގައި ޓޫރިސްޓުންތަކެއް. ފޮޓޯ/ ކެނަރީފް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.6 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 27 ގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 1،619،497 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 12.7 ޕަސެންޓްގެ އިިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ެ މުއްދަތުގައި ރާއްޖެ އައީ 1،476،894 ޓޫރިސްޓުންނެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެހެންވެ އެ ޓާގެޓް ހާސިލު ކުރުމަށްޓަކައި އަހަރުގެ ބާކީ ދެން އޮތް 98 ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 7،098 ޓޫރިސްޓުން ގެންނަން ޖެހެ އެވެ.

މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އަންނަނީ 6،500 އެއްހާ ޓޫރިސްޓުންނެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އަހަރުގެ މިހާތަނަށް އެ ގައުމުން 258،679 ޓޫރިސްޓުން އައިސްފައިވެ އެވެ. ގަދަ ފަހެއްގައި ދެން ހިމެނޭ ގައުމުތަކަކީ ރަޝިޔާ (196،594 ޓޫރިސްޓުން)، އިނގިރޭސިވިލާތް (143،761 ޓޫރިސްޓުން)، ޖަރުމަން (112،834 ޓޫރިސްޓުން) އަދި އިޓަލީ (111،584 ޓޫރިސްޓުން) އެވެ.

ރާއްޖެ އަށް މިދިޔަ އަހަރު އައީ 2.2 މިލިއަން ޓޫރިސްޓުންނެވެ.