މި އަހަރު ގެނެސްދޭނެ ކަމަށް ބުނެ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި އިއުލާންކުރި ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" މި އަހަރު މި އަހަރު ނުގެނެސްދެވޭނެކަން ކަށަވަރުވެއްޖެ އެވެ.
މި ފިލްމުގެ ޝޫޓިން ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
ޒުވާން ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ލަކްޝް ލަލްވާނީ ލީޑް ރޯލު ކުޅޭ "ޗާންދު މޭރާ ދިލް" ގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯ/ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އޭގައި ފެންނަނީ އިންޑިއާގެ ސަގާފީ ހެދުންތަކެއްގައި ދެ ތަރިން ސައިކަލެއްގައި ދާ ތަނެވެ.
"ޗާންދު މޭރާ ދިލް" އަކީ ލަކްޝް މަސައްކަތް ފެށި ދެވަނަ ފިލްމެވެ. އޭނަ ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރު ދަރުމާ އިން ގެނެސްދިން އެކްޝަން ފިލްމު "ކިލް" އިންނެވެ. އަދި ލަކްޝްގެ އެންމެ ފަހުގެ މަސައްކަތަކީ ޝާހްރުކް ޚާންގެ ދަރިފުޅު، އަރިއަން ޚާން މި މަހުގެ 18 ގައި ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އެވެ.
"ޗާންދު މޭރާ ދިލް" ގެ ޑައިރެކްޓަރަކީ ވިވެކް ސޯނީ އެވެ. އޭނަ އަކީ ދާދި ފަހުން ދަރުމާ އިން ނެޓްފްލިކްސް އަށް ގެނެސްދިން "އާޕް ޖޭސާ ކޮއީ" ގެ އިތުރުން އެ ސްޓޫޑިއޯގެ 2021 ގެ "މީނާކްޝީ ސުންދަރޭޝްވަރް" ގެ ވެސް ޑައިރެކްޓަރެވެ.
"ޗާންދު މޭރާ ދިލް" ގެ ޝޫޓިން ފެށި އިރު، އަނަންޔާގެ ކުރިއަށް އޮތް ފިލްމަކީ ދަރުމާ އިން މި އަހަރުގެ ޑިސެންބަރު 31 އަށް ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ. ސަމީރު ވިދުވަންސް ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގެ ބަތަލަކީ ކާތިކް އާރިއަނެވެ.